ރައީސުލްޖުމްހޫރިއްޔާއަށް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތު ނެއްލައިދޫއަށް ވަޑައިގަންނަވައިފިއެވެ.
މިއީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި އެއަތޮޅުގެ 5 ވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނެއްލައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، ނެއްލައިދޫ ސްކޫލްގެ އިސްވެރިންނާއި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ހަމައެއާއެކު، އެރަށު ސިއްޙީ މަރުކަޒުގައި އަލަށްް އިތުރުކުރެވޭ ބައިގެ ބިންގާ އެޅުމާއި، ކައުންސިލު އައު އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން، އެރަށުގައި އޭޓީއެމްގެ ޚިދުމަތްވެސް އެމަނިކުފާނު ފަށްޓަވައިދެއްވާނެއެވެ. މީގެއިތުރުން، އެރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އިއްޔެ ވަޑައިގެންނެވި 3 ރަށުގެ އިތުރަށް މިދެދުވަހު ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.