ކުޅިވަރު

އެސްޓަން ވިލާއިން ލިވަޕޫލް ލަދުގަންނަވާލައިފި


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ކޮޅަށް އެސްޓަން ވިލާއިން 7 ލަނޑު ޖަހާ ލިވަޕޫލް ލަދުގަންނަވާލައިފިއެވެ.

އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-7 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އެޑްރިއަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ އޮލީ ވަޓްކިންސްއެވެ. އޭގެފަހުން މެޗުގެ 22 ވަނަ މިނެޓުގައި ވަޓްކިންސް އެސްޓަން ވަނީ އެސްޓަން ވިލާ އަށް ދެ ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެސްޓަން ވިލާއިން ދެ ލަނޑުގެ ލީޑެއް ނެގި ފަހުން ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓަން ވިލާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.

ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ރޮސް ބާކްލީ ވަނީ އެސްޓަން ވިލާގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މި ލަނޑު ޖެހި ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ސަލާހް ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގައި އެސްޓަން ވީލާއިން ޖެހި ހަވަނަ ލަނޑާއި ހަތްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖެކް ގްރީލިޝްއެވެ.

ރޭގެ މެޗަކީ 1963 ވަނަ އަހަރަށް ފަހު ލިވަޕޫލް ކޮޅަށް ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ.

ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާ އެކު ލިވަޕޫލް މިވަގުތު އޮތީ ފަސް ވަނައިގައެވެ. އެސްޓަން ވިލާ އިން ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާ އެކު ވަނީ ދެ ވަނަ އަށް ކުރިޔަށް ޖެހިލާފައެވެ.

ފަޓާސް

މާ ވިނަ ބޮޑީ