ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސްޕޭސް ވީކް" ފާހަގަ ކުރަނީ


ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަަށް "ސްޕޭސް ވީކް" ފާހަގަކުރަން ނިންމައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ސްޕޭސް ވީކް ފާހަގަކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ސްޕޭސް ސައިންސް ޕްރޮމޯޓްކުރާ އިންސްޓިޓިއުޓެއްކަމަށްވާ އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސް، އައި.ޖީ.އެސްގެ ފަރާތުންނެވެ.

ރާއްޖޭގައި މިދުވަސް ފާހަގަ ކުރުމަށް ނެޝަނަލް ކޯޑިނޭޓަރަކަށް ހަމަޖައްސާފައިވަނީ އައި.ޖީ.އެސްގެ ފައުންޑަރ އަދި ސީ.އީ.އޯ ރިފްއަތު މުހައްމަދެވެ. ސްޕޭސް ވީކްގެ މިއަހަރުގެ ޝިއާރަކީ "ސެޓެލައިޓުން ދިރިއުޅުން ރަނގަޅުކޮށްދޭ" އެވެ. ސްޕޭސް ވީކް ފާހަގަ ކުރުމަށް ދުނިޔޭގެ 100 އެއްހާ ޤައުމުގައި ތަފާތު އިވެންޓްތައް ބާއްވާއިރު، މި ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވެނީ ސްކޫލް ކުދިންނަށެވެ.

މި ހަރަކާތާގުޅޭގޮތުން އައި.ޖީ.އެސް.ގެ ފައުންޑަރ އަދި ސީ.އީ.އޯ ރިފްއަތު މުހައްމަދު ވިދާޅުވީ، ރާއްޖޭގައި ސްޕޭސް ވީކް ފާހަގަކުރަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމާއެކުކަމަށެވެ. އަދި ދަރިވަރުންގެ ސައިންސް، ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި ހިސާބަށް އަހުލުވެރިކުރުމަށް އެންމެ ބޮޑު އެހީއެއްވެދޭ އެއް ދާއިރާއާކީ ސްޕޭސް އިލްމުކަމަށެވެ. ސްޕޭސް ވީކް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ދަރިވަރުން ބައިވެރިވުމަކީ އެ އިންސްޓިޓިއުޓްގެ ވަރަށް ބޮޑު އުއްމީދެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސްޕޭސް ވީކް ފާހަގަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އިވެންޓްތައް ބާއްވާނީ ވަރޗުއަލް ކޮށެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު އެސްޓްރޮނޯޓުންނާއި، ސްޕޭސް ސައިންޓިސްޓުންނާއި، ނުޖޫމީ އިލްމުވެރިން ހުށައަޅާ ޚާއްސަ ލެކްޗަރ ސީރީސް އެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ސްލޫކުތަކަށް ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން ދަރިވަރުންނަށް ބައިވެރިވެވޭނެ އިވެންޓްތަކުގެ މައުލޫމާތު މިއަދުން ފެށިގެން ސްޕޭސް ވީކްގެ ރާއްޖޭގެ ރަސްމީ ފޭސްބުކް އާއި ޕޭޖް wswmaldives@ ގައި ޝާއިޢު ކުރެވޭނެކަމަށް އައި.ޖީ.އެސްއިން ބުނެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 4-10 އަށް ވޯލްޑް ސްޕޭސް ވީކްގެ ގޮތުގައި ފާހަގަ ކުރަން އ.ދގެ އާއްމު މަޖިލީހުން ފާސްކުރީ 1999 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަނީ އދ.ގެ "ކޮމިޓީ އޮން ދި ޕީސް ފުލް ޔޫސް އޮފް އައުޓާ ސްޕޭސް" އާއި "ޔޫއެން އޮފީސް ފޯރ އައުޓާ ސްޕޭސް އެފެއާޒް"ގެ ލަފާގެ މަތިން ވޯލްޑް ސްޕޭސް ވީކް އެސޯސިއޭޝަނުންނެވެ.

ސްޕޭސް ވީކް ފާހަގަ ކުރުމަށް ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރ އިން ވެސް ވަނީ ނިންމާފައެވެ. އެކަމާގުޅޭ އިތުރު މައުލޫމާތު އެމެރިކަން ސެންޓަރގެ ފޭސްބުކް ameriancentermaldives@ އާއި ޓްވިޓަރ ACMaldives@ ގައި ޝާއިޢު ކުރެވޭނެކަމަށްވެސް އެ އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.