ސިއްހަތު

އިލެކްޓްރޯނިކް ބޭސް ސިޓީތައް ބަލާލެވޭގޮތަށް އާސަންދައިގެ މޯބައިލް އެޕްލިކޭޝަން ލޯންޗްކޮށްފި


އާސަންދައިން ފުރަތަމަ ފަހަރަށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.

އާސަންދަ ސްކީމްގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް އަމާޒުކޮށްގެން "އާސަންދަ" ގެނަމުގައި މިއަދު ތަޢާރަފްކޮށްފައިވާ މި އެޕް މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓަރވެވޭނެއެވެ. އެޕް ޑައުންލޯޑްކޮށް ރެޖިސްޓަރވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އެޕުން ފެންނަން ހުންނާނެއެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ، ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި، ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަޙުޤީޤު ކުރާނެކަމަށެވެ. މި އެޕް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުންކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިވަގުތު ތަޢާރަފްކުރީ ހަމައެކަނި އެންޑްރޮއިޑް އެޕް ނަމަވެސް ކައިރި މުސްތަޤްބަލެއްގައި އައި.އޯ.އެސް އެޕްވެސް ތަޢާރަފްކުރާނެކަމަށް އާސަންދައިން ވިދާޅުވެއެވެ.

މި އެޕްލިކޭޝަންގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ، އާސަންދަ ސްކީމްގެ ޚިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު ފެންނަން ހުރުމުންކަމަށް އާސަންދައިން ވިދާޅުވެއެވެ. އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެކަން އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް، އަވަސް މުސްތަޤުބަލެއްގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތުމީހާ ހޯދާ ހުރިހާ ޚިދުމަތެއްގެ ތަފްޞީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.