ޚަބަރު

މިއަހަރުގެ މާމަކާފަ ދުވަސް ރަސްމީކޮށް އޭދަފުށީގައި


  • ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސް ފަހަގަކުރަނީ ޤައުމީ މާމަކާފައިންގެ ދުވަހުގެ ގޮތުގައި

  • އޭދަފުށީގައި މިދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައި

ޤައުމީ ފެންވަރުގައި މާމަކާފަ ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް މިއަހަރު ފާހަގަކޮށްފައިވަނީ ޕެންޝަން އޮފީހާއި ޞިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ އާއި ބ.އޭދަފުށީ ކައުންސިލް ގުޅިގެންނެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ "މާމަކާފަގެ ލޯބި: ތަރުބަވީ ޖީލެއްގެ ބިންގާ" މިޝިޢާރެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ފާހަގަކުރަނީ ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރާ ޤައުމީ މާމަކާފަ ދުވަހުގެގޮތުގައެވެ. އާއިލާއާއި ޤައުމު ބިނާކުރުމުގައި މުހިންމު އަދި އެތައް ޤުރުބާނީއެއްވީ މާމަ އަދި ކާފަގެ އަގުވަޒަންކޮށް އެއީ މުޖުތަމަޢާއި އާއިލާގައިވެސް މުހިންމު ދައުރެއް އޮތް ބައެއްކަން ހަނދާކޮށްދީ އެފަރާތްތަކުގެ އަގުވަޒަންކުރުމަށް މިދުވަސް ފާހަގަކުރަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ.

މިއަހަރު މިދުވަސް ސަރުކާރުން ރަސްމީ ފެންވަރުގައި ފާހަގަކުރަނީ ބ.އޭދަފުށީގައެވެ. ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމަށް ޕެންޝަން އޮފީހާއި ޞިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި އެލްޖީއޭ ގުޅިގެން އޭދަފުށީގައި ދެދުވަހުގެ މުއްދަތަށް އެކި ހަރަކާތްތައް ހިންގުމަށްވަނީ ރާވާފައެވެ. އެގޮތުން މިދުވަސް ފާހަގަކުރުމަށް އޭދަފުށީގައިވަނީ ޢުމުރުން ދުވަސްވީ އާބާދީއަށް އަމާޒުކޮށް ހަވީރު ސައެއް ބާއްވާފައެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ މިހަރަކާތަކީ މާމައިންނާއި ކާފައިން އަދި އެފަރާތްތަކުގެ ޢާއިލާތަކަށް އެކުވެރި މާޙައުލެއްގައި އެއްތަނަކަށް އެއްވެ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި ހަރަކާތެއްކަމަށެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި މާމަކާފައިންވަނީ އެފަރާތްތަކުގެ ޝުޢޫރުފާޅުކޮށްފައެވެ.

"އަޅުގަނޑު ބޭނުން ހަފްތާއަކު އެއްދުވަހު އާއިލާގެ ހުރިހާ މެމްބަރުން އެއް މޭޒުމަތީގައި ކެވޭތޯ ބަލަން." ކާފައަކު ބުންޏެވެ.

"މާމަ ނުވަތަ ކާފަ ކިޔާ ކުއްޖަކު ހުރުމަކީ ވަރަށް އުފާވެރި އިޙްސާސެއް ކުރުވާކަމެއް." އެހެން ކާފައަކު ބުންޏެވެ.

"މާމަ ކުދިންނާއެކީގައި ވަގުތު ހޭދަކުރުމަކީ ބަޔާންކުރަންވެސް ނޭނގޭހާ އުފާވެރިކަމެއް." މާމައަކު ބުންނެވެ.

މި ހަރަކާތުގެ ތެރެއިންވަނީ ދުޅަހެޔޮ ރިޓަޔަރމަންޓަކަށް ތައްޔާރުވުމާއި، ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މުހިންމު އާދަތަކާއި ގުޅޭގޮތުން ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހިންގާ"އުފާވެރި ރާސްތާ" ޕްރޮގްރާމުގެ ސެޝަނެއް ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގެ އާބާދީ ދުވަސްވީ އާބާދީއަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު ދުޅަހެޔޮކަންމަތީ ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށް ދުވަސްވީ ޖީލުތަކަށް ދަސްކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.