ކުޅިވަރު

ލޯނު އުސޫލުން މޮރާޓާ އެނބުރި ޔުވެންޓަސް އަށް


ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ލޯނު އެއްބަސްވުމެއްގެ ދަށުން އަނބުރާ ޔުވެންޓަސްއާ ގުޅިއްޖެއެވެ.

10 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން މޮރާޓާ ޔުވެންޓަސްއާ ގުޅުނީ 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެކުރިންވެސް މޮރާޓާ ވަނީ 2014 އިން 2016 އަށް ޔުވެންޓަސްއަށް ކުޅެފައެވެ.

މި އެއްބަސްވުމުގެ ދަށުން ޔުވެންޓަސްއިން ބޭނުން ވެއްޖެނަމަ ސީޒަން ނިމުމަށް ފަހު އޭނާ ގަތުމުގެ ފުރުސަތު ލިބޭނެއެވެ. މި އެއްބަސްވުމުގައިވާ ގޮތުން ޔުވެންޓަސްއިން އޭނާ ގަންނަން ބޭނުންވެއްޖެ ނަމަ ޖެހޭނީ 41 މިލިއަން ޕައުންޑު ތިން އަހަރު ދުވަހުގެ ތެރޭގައި ދައްކާށެވެ.

މީގެ އިތުރުން އެ ކުލަބުން ބޭނުންނަމަ އަދި އިތުރަށް އެއް އަހަރު ލޯނުގެ އުސޫލުން ނުވަ މިލިއަން ޕައުންޑަށް އޭނާ ބެހެއްޓުމުގެ އިހްތިޔާރު ލިބިގެން ދާނެއެވެ. އެއަށްފަހު އެ ކުލަބުން ބޭނުންނަމަ 2022 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ އަގަކަށް މޮރާޓާ ގަތުމުގެ ފުރުސަތު ލިބޭނެއެވެ.

ޔުވެންޓަސްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، މޮރާޓާ އެކްލަބު ދޫކޮށްފައި މީގެކުރިން ގޮސްފައިވަނީ އެތަށް ހަނދާންތަކެއް ދޫކޮށްފައިކަމަށާއި، އަދި އެ ހަނދާންތައް އަލުން އާކުރުމަށް ޔުވެންޓަސްއިން ތައްޔާރަށް އޮތްކަމަށެވެ.

ޔުވެންޓަސްގައި ހޭދަކުރި ދެ ސީޒަންގައި މޮރާޓާ ވަނީ އެޓީމާއެކު އިޓާލިއަން ސެރީއާ ދެ ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަަރު ކާމިޔާބުކޮށްފައެވެ. މޮރާޓާ ޔުވެންޓަސްއަށް އެންމެފަހުން ކުޅުނު މެޗަކީ 2016 ވަނަ އަހަރުގެ އިޓާލިއަން ކަޕް ފައިނަލްގައި އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗެވެ. 1-0 ގެ ނަތީޖާއަކުން ޖުވެންޓަސް ކާމިޔާބުކުރި މިމެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މޮރާޓާއެވެ.

އެތްލެޓިކޯ މެޑްރިޑް ދޫކޮށް 2016 އަލުން ރެއަލްމެޑްރިޑާއި ގުޅުމަށްފަހު، 2017 ވަނަ އަހަރު ޗެލްސީއަށް ބަދަލުވިއެވެ. ޗެލްސީގައި ދެ ސީޒަން ހޭދަކުރުމަށްފަހު މޮރާޓާ ދެން ގުޅުނީ އެތްލެޓިކޯ މެޑްރިޑާއެވެ. އެތްލެޓިކޯ މެޑްރިޑުގައިވެސް ދެ ސީޒަން މޮރާޓާ ހޭދަކޮށްފައިވާއިރު، ފުރަތަމަ ސީޒަންގައި ސްޕެނިޝް ލަލީގާގައި ކުޅުނު 15 މެޗުން 6 ލަނޑު މޮރާޓާ ކާމިޔާބުކޮށްދިނެވެ. އަދި ނިމުނު ސީޒަންގައި އެތުލެޓިކޯ މެޑްރިޑަށް ލަލީގާގައި ކުޅެދިން 34 މެޗުން 12 ލަނޑު މޮރާޓާ ކާމިޔާބުކޮށްފައިވާއިރު، ދެ އެސިސްޓްވެސްވަނީ ހަދާފައެވެ.