ކުޅިވަރު

އަމިއްލަ ގޮތްތަކަކާއެކު ޓީމު ބައްޓަން ކުރަން އަދި ވަގުތު ބޭނުންވޭ: ޕިރްލޯ


އަމިއްލަ ހިޔާލާ ފިކުރުގެ މައްޗަށް ބާރުފޯރުވާ ވަރުގެ ހަމަހަމަ ޓީމެއް އޭނާ ޔުވެންޓަސްގައި ބައްޓަން ކުރުމަށް އަދި ވަގުތު ބޭނުންވާކަމަށް އެޓީމުގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

މި ސީޒަނުގައި އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ހޯދި ތިން ޕޮއިންޓަށްފަހު ވާހަކަ ދައްކަމުން ޕިރްލޯ ބުނީ ކުޅުންތެރިންނާ އަބަދުވެސް ވާހަކަ ދެކެވެން ވާނެކަމަށާއީ ހަނދާނަށް އަންނަނީ މީގެ އަހަރުތަކެއް ކުރިން އޭނާ ކުޅުނު ދުވަސްތައް މަތިން ކަމަށެވެ. އޭނާ ބުނީ އޭރުވެސް ކުޅުންތެރިންނާ އަމިއްލައަށް އޭނާ މަޝްވަރާ ކުރާކަމަށާއި އެންމެ މުހިންމު ކަމަކީ އެކުޅުންތެރިންނަށް ބޭނުންވާ ކަންކަމަކީ ކޮބައިކަން އެނގުންކަމަށެވެ.

މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މެޗުގައި ފިޓްނަސް މައްސަލަ ދިމާވުންފަދަ ކުދިކުދި މައްސަލަތައް ފާގަވި ނަމަވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ޔުވެންޓަސްކަމަށް ޕިރްލޯ ބުންޏެވެ. ޕިރްލޯ ބުނީ ޓީމުން އޭނާ ބޭނުންވާ ފެންވަރުގައި އެކި ގޮތްގޮތަށް ކުޅުމަށް ވަގުތު ބޭނުންވާކަމަށެވެ. އޭނާ އަކީ އެއްވެސް މީހެއްގެ ހިޔާލުތައް ކޮޕީކުރާނެ މީހެއް ނޫންކަމަށާއި ބޭނުންވަނީ އަމިއްލަ ހިޔާލުގައި އަމިއްލަ ގޮތަށް ޓީމު ބައްޓަން ކުރަންކަމަވެސް ޕިރްލޯ ބުންޏެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޕިރްލޯ ބުނީ ހުރިހާ ކުޅުންތެރިންވެސް ކުޅެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތްކުރި ކަމަށާއި އެއީ ޓީމު ހަމަހަމަ ކަންމަތީ ހިފެހެއްޓުމަށް އޭނާއަށް ލިބޭ ހިތްވަރެއްކަމަށެވެ. ކުރިން ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހުރި ޕިރްލޯ ބުނީ ރަނގަޅު ކޮލިޓީހުރި ހުނަވެރި ކުޅުންތެރިން ޓީމުގައި ތިބުމަކީ ހެޔޮފާލެއް ކަމަށެވެ.

އިޓާލިއަން ލީގުގައި އަންނަ އާދީއްތަ ދުވަހު ޔުވެންޓަސް ނުކުންނާނީ ރަށުން ބޭރުގައި ރޯމާ ދެކޮޅަށެވެ.