ތިމާވެށި

ޑެންގީ ކޮންޓްރޯލްކުރުމަށް ކުޑަހުވަދޫގައި ސާފުކުރުމުގެ ހަރަކާތެއް


ދ. ކުޑަހުވަދޫގައި ޑެންގީހުން ފެތުރެމުންދާތީ، މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ރަށުތެރެ ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް އެރަށުގައި ކުރިއަށްގެންގޮސްފިއެވެ.މި ހަރަކާތަކީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގެ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ހޮސްޕިޓަލުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ އަލީ ނާޒިމް ވިދާޅުވީ، ފާއިތުވި ދެ ދުވަހުގެ ތެރޭ، އެރަށުން ޑެންގީހުމުގެ 5 ކޭސް ރިޕޯޓްކުރެވިފައިވާކަމަށާއި، މިބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މަދިރި ކޮންޓްރޯލްކުރުމަށް ޚާއްސަ ހަރަކާތްތަކެއް ރަށު ފެންވަރުގައި ކުރަމުންދާކަމަށެވެ. އެގޮތުން ކުޑަހުވަދޫ ހޮސްޕިޓަލުގެ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން އިއްޔެ ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމުގައި އަމިއްލަ އިސްނެގުމާއެކު އެރަށުގައި މަސައްކަތް ކުރާ 150 ވުރެ ގިނަ ބިދޭސީން ބައިވެރިވެފައިވާކަމަށާއި، މިހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކަށް އަޅާފައިހުރި ޕްލާސްޓިކް ފުޅިއާއި، ދަޅު އަދި ކުނިވާ ޒާތުގެ ތަކެތި ހިމެނޭހެން ޖުމްލަ 6 ޕިކަޕުގެ ކުނި އުކާލެވިފައިވާކަމަށެވެ.ނާޒިމް ވިދާޅުވީ ކުރިއަށް އޮތީ ޢީދު ބަންދުކަމަށްވެފައި، ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވާނެތީ، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރަށުތެރެއަށް މަދިރިބޭސް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުންވެސް ޑެންގީހުމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް އެރަށުގައި އެކުލަވާލާފައިވާ ޓާސްކް ފޯހުގެ ފަރާތުން ރަށުގެ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް، މަދިރި އާލާވާފަދަ ތަންތަން ހުރިތޯ ބަލައި، އެފަދަ ތަންތަން ނައްތާލުމަށް ޑޯ-ޓު-ޑޯ ކެމްޕެއިނެއް ފައްޓާފައިވާކަމަށްވެސް ކުޑަހުވަދޫ ހޮސްޕިޓަލުން ހާމަކުރެއެވެ.