ކުޅިވަރު

އިންތިޚާބާއިމެދު ސުވާލު އުފެއްދުމުގެ ޖާގައެއް މިހާރު ނެތް - ޖައުޝަން


ޓޭބަލްޓޭނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށްއޮތް ތިންތިޚާބު ފަސްކޮށްދެވެން ނެތްކަމަށް ސިވިލްކޯޓުން އެންގުމާއިއެކު ދެން އިންތިޚާބާއިމެދު ސުވާލު އުފެއްދުމުގެ ޖާގައެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓީޓީއޭއެމްގެ ގާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ވިދާޅުވެއްޖެއެވެ.

ޖައުޝަން މިހެން ވިދާޅުވީ، ސިވިލްކޯޓުގައި ކުރިއަށްދާ ޓީޓީއޭއެމްގެ ކުރިއަށްއޮތް އިންތިޚާބާއި ގުޅޭ މައްސަލާގައި، އިންތިޚާބު ފަސްކޮށްދިނުމަށްއެދި ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދުމުން، އެގޮތަށް އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން އެންގުމާއި ގުޅިގެންނެވެ. ޖައުޝަން ވިދާޅުވީ ކޯޓުން އެގޮތަށް އަމުރު ނެރެފައި ނުވާތީ، ކޮމިޝަނާއޮފް ސްޕޯޓްސްއާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުން އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ރަނގަޅަށް ކަމަށް އެންގުމުން، ދެން އިންތިޚާބާއިމެދު އިތުރަށް ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް އޮންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ޖައުޝަން ވިދާޅުވީ، ޓީޓީއޭއެމްގެ މައްސަލައެއް ރާއްޖޭގެ ޝަރުޢީ ކޯޓަކަށް ދެވޭނެކަމަށް އަދިވެސް ގަބޫލު ނުކުރާ ކަމަށާއި، ނަމަވެސް އެގޮތް ގަބޫލު ކުރެއްވި ފަރާތްތަކަށްވެސް އެބޭފުޅުން އިހުތިޔާރުކުރި ޝަރުއީ ނިޒާމާއި އުސޫލުގެ ތެރެއިންވެސް އިންތިޚާބުގައި މައްސަލައެއް ނެތްކަން މިހާރު ހާމަވާނެކަމަށެވެ.

ގާނޫނީ ވަކީލު ޖައުޝަން ވިދާޅުވީ ސިވިލްކޯޓުގައި މައްސަލާގެ އަޑުއެހުން ކުރިއަށްދަނިކޮށް އަނެއްކާވެސް އައިޓީޓީއެފްގެ ފަރާތުން ޓީޓީއޭއެމަށް ސިޓިއެއް ލިބުނު ކަމަށެވެ. އަދި އެލިއުމުގައިވެސް ސަސްޕެންޝެއް އައިސްދާނެކަމަށް ބުނެފައިވާކަމަށެވެ. އެގޮތުން އެސީޓީގައި ކުރިންވެސް އައިޓީޓީއެފުން ފާހަގަކުރިގޮތަށް މިމައްސަލަ ބެލޭނެ ރާއްޖޭގެ އެންމެ މަތީ މުއައްސަސާއަކީ ނޭޝަނަލް ސްޕޯޓްސް ކައުންސިލްކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ސަސްޕެންޝަނެއް އަޔަނުދިނުމަށްޓަކައި، ޓީޓީއޭއެމްގެ މައްސަލައެއް ރާއްޖޭގެ ސިވިލް ކޯޓަށް ހުށައަޅައިގެން ނުވަނަ ތިންވަނަ ފާރާތެއްގެ ނުފޫޒު އޮވެގެން ކުރިއަށް ނުގެންދިއުމަށް އިލްތިމާސް ކޮށްފާއިވާ ކަމަށްވެސް ޖައުޝަން ވިދާޅުވިއެވެ.