ޚަބަރު

ކުރިއަށްއޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވާރޭވެހޭނެ!


  • ވާރޭ ވެހުނު ނަމަވެސް ވަޔާއި، ކަނޑުތައް މަޑުވާނެ

  • 3 ދުވަސް ފަހުން ވާރޭވެހުން މަދުވިނަމަވެސް ކެރީގެ އަސަރުކުރާނެ

ކުރިއަށްއޮތް 3 ދުވަހު ހުރިހާ ސަރަހައްދަކަށްވެސް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރުކުރަމުންދަނީ މޫސުމީ ވިއްސާރަކަމަށާއި މި ވިއްސާރައިގައި ކުރިއަށްއޮތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކަށް ގުގުރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ވާރޭ ވެހުނު ނަމަވެސް އާންމުކޮށް ވައި މަޑުވާނެކަމަށާއި، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލުވެސް ނެރެފައެވެ. އެގޮތުން ސަމާލު ނެރެފައިވަނީ ހެނދުނު 08:45 އިން 14:45 އަށް މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ހަމައަށެވެ.


އެހެން އަހަރުތަކުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، މި އޮކްޓޯބަރ މަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިންނެ ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް އޮކްޓޫބަރު މަހު ވާރޭވެހޭ މިންވަރަަށް ވުރެ މަދުންކަމަށާއި، ފިނިހޫނުމިނަށް ބަލާއިރު، އޮކްޓޯބަރ މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެމިންވަރާއި އެންމެ ދަށަަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.