ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ 09 ވަނަ ދުވަސް، ދުނިޔޭގެ ޕޯސްޓްގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދިވެހިރާއްޖޭގައި ރަސްމީކޮށް ޕޯސްޓުގެ ޚިދުމަތް ފެށިތާ މިދިޔަ ސެޕްޓެމްބަރ މަހަށް 120 އަހަރު ވަނީ ފުރިފައެވެ.
މިއަދު ފާހަގަކުރާ 152 ވަނަ ދުނިޔޭގެ ޕޯސްޓްގެ ދުވަހުގެ ޝިއާރަކީ "ވަން ޕޯސްޓަލް ނެޓްވޯކް އިންފިނިޓް ޕޮސިބިލިޓީސް" މި ޝިޔާރެވެ. މިއީ، މުޅި ޕޯސްޓް ވިއުގައިގެ ތެރެއިން ހުރި ފުޅާ އަދި ނިމުމެއްނެތް ފުރުޞަތުތަކަށް ޚާއްސަކޮށް ކަނޑައެޅިފައިވާ ޝިއާރެކެވެ.
މިއަހަރު ދިވެހިރާއްޖޭގައި ރަސްމީކޮށް ޕޯސްޓް ޚިދުމަތް ދޭން ފެށިތާ 120 އަހަރު ފުރުން ފާހަގަކުރާއިރު، ރަސްމީ ސިފައެއްގައި ރާއްޖެއާއި އޮޅުދޫކަރައާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ވަރަށް މުޙިއްމުކަމެއް ކަމުގައި ދިވެހި ސަރުކާރަށް ފެނިވަޑައިގެން ޕޯސްޓްގެ ޚިދުމަތް ރަސްމީކޮށް ފެށީ 1906 ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ.
ޕޯސްޓްގެ ޚިދުމަތަކީ އޭގެ ކުރިންވެސް ދެމުންގޮސްފައިވާ ޚިދުމަތެއްކެވެ. އެގޮތުން، އޭގެ ކުރިންވެސް ޕޯސްޓްގެ ޚިދުމަތުގެ ތެރެއިން އަހަރަކަށް 3000 ވަރަކަށް ސިޓީ ބިޓީ ފޮނުވާފައިވާކަން އެނގެންހުއްޓެވެ. މި ޚިދުމަތް ފެށިގެންއައިއިރު ޚިދުމަތް ދިނުމަށްޓަކައި ފުރަތަމަ ބޭނުންކޮށްފައިވަނީ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވް ޖަހައިގެންނެވެ. އަދި ދިވެހިރާއްޖޭގެ އަމިއްލަ ސްޓޭމްޕެއް ތައްޔާރުކޮށް ބޭނުންކުރަން ފަށާފައިވަނީ 1909 ވަނަ އަހަރުއެވެ. މި ސްޓޭމްޕަކީ މާލޭ ހުކުރު މިސްކިތު މުންނާރާއި އަރަބި އިބާރާތެއް ހިމަނައިގެން ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ. މި ސްޓޭމްޕަކީ ތާރީހާއި ޘަގާފަތް ރަމްޒުކޮށްދޭ ފިލަޓެލިކް އުފެއްދުންތަށް ފެށުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ގަރުނަކާއި ދެދަހަރަށްވުރެ ދިގު މަޒީގައި ޕޯސްޓްގެ ޚިދުމަތް ފުޅާވެގެން ގޮސްފައިވާއިރު، މި ޚިދުމަތަކީ ޒަމާނީ އަދި އިޖާދީ ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްވެސް، އެއްރަށް އަނެއްރަށާއި އަދި ދުނިޔޭގެ ކަންކޮޅުތަކާ ގުޅުވާލަދީފައިވާ ވިޔަފާރިއާއި އަމިއްލަ ފަރުދުންގެ ބައިވެރިއެކެވެ. ޕޯސްޓްގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ކުރިއެރުމާއި މުވާސަލާތާއި އިޤްތިސާދު ކުރިއެރުވުމުގައި ވަރަށް ފުޅާ ދައުރެއް އަދާކޮށްފައިވާ އަދި އަދާ ކުރަމުންދާ އެއް ހިއްސާދާރެވެ. މިއަދު، 2026 އޮކްޓޯބަރ 09 ވަނަ ދުވަހު 152 ވަނަ ދުނިޔޭގެ ޕޯސްޓްގެ ދުވަސް ފާހަގަ ކުރާއިރު މިއީ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން އުފެއްދިފައިވާ ދުވަސްކަން ފާހަގަކުރަމެވެ. ދިވެހިރާއްޖެއަކީ 1967 ވަނަ އަހަރުން ފެށިގެން ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ މެމްބަރު ޤައުމެކެވެ. އަދި، މި ޔޫނިއަންއަކީ ދިވެހިރާއްޖޭގެ ޕޯސްޓްގެ ނިޒާމް ތަރައްގީ ކުރުމުގައި ވަރަށް ބޮޑު ހިއްސާއެއްވާ އެއްފަރާތެވެ.
މޯލްޑިވްސް ޕޯސްޓް ވެގެންގޮސްފައިވަނީ ބައިނަލްއަޤުވާމީ ޕޯސްޓަލް ސިސްޓަމްގައި ޚިދުމަތްދޭ ދިވެހިރާއްޖޭގެ ޑެސިގްނޭޓެޑް އޮޕަރޭޓަރުކަމާއި، އޭގެ އިތުރުން އެކްސްޕްރެސް މެއިލް ސަރވިސް އީ.އެމް.އެސް ކޯޕަރޭޓިވް މެމްބަރަށެވެ. ޕޯސްޓްގެ ޚިދުމަތަކީ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ މެމްބަރު ގައުމުތަކުގެ ހުރިހާ ރައްޔިތުންނަށް ފަސޭހަކަމާއިއެކު އެކަށޭނެ އަގެއްގައި ލިބިދިނުމަށް ލާޒިމުކުރާ ޚިދުމަތެއް، މިކަން މިވަނީ ދިވެހިރާއްޖެއިން ވަރަށް ކުރިއްސުރެ ހާސިލުކޮށްފައިވެއެވެ.
މި ފަހަރުގެ ޕޯސްޓްގެ ދުވަހުގެ ޝިއާރުކަމުގައިވާ "ވަން ޕޯސްޓަލް ނެޓްވޯކް އިންފިނިޓް ޕޮސިބިލިޓީސް" އަށް ނަޒަރު ހިންގަވާއިރު، އާއްމު ޚިދުމަތްތަކެއް ފޯރުކޮށްދޭ ހުރިހާ ރައްޔިތުންވެސް ދަންނަ ފަރާތެއްގެ ހައިސިއްޔަތުން ޕޯސްޓުން މުޖުތަމައުގެ ހުރިހާ ފަރާތްތަކެއް ގުޅުވާލަދޭކަމާއި ޒުވާނުންނާއި އަންހެނުންނާއި ދިވެހިރާއްޖޭގެ ރަށްފުށުގެ މުޖުތަމައުތަށް އެހެން ފަރާތްތަކާގުޅުވާދޭދިނުމާއި އަމިއްލަ އުފެއްދުންތެރިނާއި ފަންނުވެރިން އަދި އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށް ޕޯސްޓުންދޭ ޚިދުމަތްތަކާއި އެޖެންސީ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުންވެސް، ޕޯސްޓް ޚިދުމަތްތައް ދިނުމުގައި ފާއިތުވެ ދިޔަ މުއްދަތުގައި ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރއާއި ޑެލިވަރީ ނިޒާމާއި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް އައު ޓެކްނޮލޮޖީއާއެކު ތަރައްގީކޮށް ޚިދުމަތް ހޯދާ ފަރާތްތަކުން އުންމީދު ކުރާފަދައިން ކޮންމެ ޚިދުމަތެއްވެސް ރައްޔިތުންނާވީހާވެސް ކައިރިން، ފަސޭހަކޮށް ފޯރުކޮށްދިނުމުގައި ޕޯސްޓުން ހޯދާފައިވާ ކުރިއެރުން ފާހަގަކުރެވެއެވެ. އަދި ކުރިމަގުގައިވެސް މޯލްޑިވްސް ޕޯސްޓުން ރާއްޖޭގެ އެއްތަނުން އަނެއްތަނަށް އުފުލާ ތަކެތި އިތުބާރާ ޔަގީންކަމާއެކު އުފުލުމާއި ޑެލިވަރީކުރުމުގެ ޚިދުމަތް އިތުރަށް ފުޅާކޮށް އަވަސް ކުރެވިގެންދާނެކަމާއި، އަދި މި ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯސްޓްގެ ނިޒާމުގެ ތެރެއިން އަދާކުރާ ޓްރޭޑް ފެސިލިޓޭޓަރެއްގެ ރޯލް އިތުރަށް ފުޅާކޮށް މިކަމުގެ ތެރޭގައިވާ ހުރިހާ ޚިދުމަތެއްދިނުމާއި އެ ޚިދުމަތްތައް ހަރުދަނާ ކުރުމުގައި ޕޯސްޓް ދެމިއޮންނާނެކަމުގައި ފާހަގަކުރަމެވެ.