ކުޅިވަރު

ހިތަށް ތަސައްލީއެއް ލިބޭފަދަ ޖަވާބެއް ނުލިބުމަކީ ކޯޓަށް ދާންޖެހޭ ސަބަބެއް ނޫން - ޖައުޝަން


ސްޕޯޓްސް ކައުންސިލުން އެންމެ ބޭނުންވާ ޖަވާބެއް ނުލިބުމަކީ ކޯޓަށް ދާންޖެހޭ ސަބަބެއް ނޫން ކަމަށާއި، އެޖަވާބު ހޯދަން ދާންޖެހޭނީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނަށް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ގާނޫވީ ވަކީލު މުޙައްމަދު ޖައުޝަން ވިދާޅުވެއްޖެއެވެ.

ޖައުޝަން މިހެން ވިދާޅުވީ، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރިއަށްއޮތް އިންތިޚާބާއި ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އައިޓީޓީއެފުން ޓީޓީއޭއެމްއަށް ފޮނުވާފައިވާ ސިޓީ މީޑިއާތަކާއި ހިއްސާކުރަމުންނެވެ.

ސިވިލްކޯޓަށް ހުށަހަޅާފައިވާ ޓީޓީއޭއެމްގެ މައްސަލައަކީ އެސޯސިއޭޝަންގެ ކުރިއަށްއޮތް އިންތިޚާބަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި އެކުގައިވެސް މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ޓީޓީއޭއެމްގެ އިންތިޚާބު ބޭއްވިދާނެކަމަށް ގަބޫލުނުކުރެވޭކަމަށްބުނެ އިންތިޚާބުގައި ފަރުދީ މެމްބަރ ރިޕްރެޒެންޓޭޓިވްގެ މަގާމަށް ވާދަކުރައްވާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާއި އެކްސްކޯގެ އިތުރު ދެމެންބަރަކު ހުށަހެޅުއްވި މައްސަލައެކެވެ.

މިމައްސަލަ އައިޓީޓީއެފަށް ހިއްސާކުރުމުން އެއިދާރާއިން ޖަވާބުގައި، އައިޓީޓީއެފްގެ މެމްބަރ ރިލޭޝަން ޑިރެކްޓަރ ސޮއިކުރައްވައި، ޓީޓީއޭއެމްއަށް ފޮނުވި ސިޓީގައި ޖުމްލަ ހަތަރުކަމެއް ވަނީ ފާހަގަކޮށްފައެވެ. އެއީ، ގަވާއިދަކަށް ބަދަލުގެންނަން މަސައްކަތް ކުރުމުގެ ބާރު، ނުވަތަ ހައްގު އެކްސްކޯގެ ތިން މެމްބަރަކަށް ލިބިގެންނުވާ ކަމަށެވެ. އަދި އެސޯސިއޭޝަނުން އައިޓީޓީއެފްއަށް ފޮނުވި ސިޓީން ދޭހަވާގޮތުންނަމަ އެއީ އެކްސްކޯގެ ފަންސާސް އިންސައްތަ މެމްބަރުންގެ ތާޢީދާއި ނުލައި ކުރާ މަސައްކަތެއް ކަމަށްވުމުން، އެއީ ގަވާއިދާއި ޚިލާފު މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގެ ސްޕޯޓްސް ކައުންސިލްއަށް ފުރިހަމައަށް އިތިބާރު އެބައޮތް ކަމަށާއި ގާނޫނުގައި ވާގޮތަށް މަސަލާގައި ފަހުބަސް ބުނާނީ ސްޕޯޓްސް ކައުންސިލް ކަމަށެވެ.

ގާނޫވީ ވަކީލު މުޙައްމަދު ޖައުޝަން ވިދާޅުވީ މިމައްސަލާގައި ސިވިލް ކޯޓަށް ދާން ނުޖެހޭނެ ކަމަށާއި، ކުޅިވަރު ގާނޫނުން މައްސަލާގައި ގޮތެއް ނިންމުމުން ދެން ދާންއޮތްތަން އެބޭފުޅުންނަށް އެނގި ނުލައްވަނީ ގާނޫނު ރަނގަޅަށް ވިދާޅުވެފައި ނެތުމުން ކަމަށެވެ.

"އައިޓީޓީއެފްގެ ގަވާއިދުގެ 1.2.5 ގައި ބަޔާންކޮށްފައި އެބައޮތް އަމަލުކުރަންވީ ކިހިނެއްކަން. އޮބްލިގޭޝަން ތަކަކީ ކޮބައިކަން. އެގަވާއިދުން މަތިކުރާ ކޯޑް އޮފް އެތިކްސްގެ ހަވަނަ ނަމްބަރުގެ ދަށުން 6.5، 6.1، 6.4 ގައި ފާހަގަކޮށްފައި އެބައޮތް އަމަލުކުރަންވީ ގޮތް. އޮލީމްޕިކް ޗާޓަރުގެ 59 ވަނަ މައްދާގައި ދެން ކުރަންވީ ކަންތައްވެސް އެބައޮތް" ގާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ވިދާޅުވިއެވެ.

މިމައްސަލަ ސިވިލް ކޯޓުން ބަލައިގަނެ މައްސަލާގެ އަޑުއެހުންތަށް ކުރިއަށްދާއިރު، އިންތިޚާބު ބާއްވަން ތާވަލުކޮށްފައި އޮތީ މިމަހުގެ އަށްވަނަ ދުވަހުއެވެ.