ކުޅިވަރު

ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބީ މައްސަލައެއް ކޯޓަށް ހުށަހަޅައިފި


ޓޭބަލް ޓޭނިސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުން ހިމެނޭގޮތަށް ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބީ މައްސަލައެއް ކޯޓަށް ހުށަހަޅައިފިއެވެ.

ކޯޓަށް ހުށަހަޅާފައިވާ އިންތިޚާބާއި ގުޅޭ މައްސަލައަކީ، ސްޕޯޓްސް ކޯޕަރޭޝަން އާއި ކުޅިވަރާބެހޭ ގައުމީ މަޖިލިސް މެދުވެރިކޮށްވެސް ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބު މިނިވަން މުސްތަގިއްލު އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ބޭއްވޭނެކަމަށް ގަބޫލު ނުކުރެވޭނެކަމަށް ބުނެ އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރ އަލީ އާދަމް މަނިކު ހުށަހެޅުއްވި މައްސަލައެކެވެ. އަލީ އާދަމް މަނިކަކީ ކުރިއަށްއޮތް އިންތިޚާބުގައި ފަރުދީ މެމްބަރ ރެޕްރެސެންޓޭޓިވްގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.

އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި އިންތިޚާބާއި ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފެންމަތިވުމުން އެންމެ ފުރަތަމަ މިކަމުގެ ޝަކުވާތަށް ހުށަހެޅީ ސްޕޯޓްސް ކައުންސިލާއި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހަށެވެ. ނަމަވެސް ކުޅިވަރާއިބެހޭ ގައުމީ މަޖިލީހުން މިމައްސަލައިގައި ބުނީ، ޖަމުޢިއްޔާގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ފިޔަވަޅު އެޅުމާއި، އަދި މިހާރު އޮތް ހިންގާ ގަވާއިދުގެ ދަށުން ކުރިއަށް ގެންދާ އިންތިޚާބެއް ހުއްޓުވުމަކީ، ޓީޓީ އެސޯސިއޭޝަނާއި ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އަދި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އަދި ޓީޓީއޭއެމް އަކީ ގައުމީ ހައިސިއްޔަތު ދެވިފައިވާ ޖަމުޢިއްޔާއެއް ކަމަށްވުމާއި، އެ ޖަމުޢިއްޔާއަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި، އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އަދި ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ މެންބަރެއް ކަމަށްވެފައި، އެއީ ޓީޓީ އެސޯސިއޭޝަނުގެ އެތެރޭގެ މައްސަލަތަކެއް ކަމަށްވުމާއެކު، ހިންގާ ކޮމިޓީން އެ މައްސަލަތައް ހައްލުކުރުމަށް ހިންގާ ގަވާއިދާއި ޖަމުޢިއްޔާއިން އެފިލިއޭޓް ވެފައިވާ ބައިނަލްއަގުވާމީ އިދާރާތަކުން މިފަދަ ކަންކަމަށް ތަބާވުމަށް އަންގަވާފައިވާ ގޮތުގެ މަތިން އަދި މުސްތަގިއްލުކޮށް ޖަމުޢިއްޔާގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއަޅައި އެއްބާރުލުން ދިނުމަށެވެ.

ނަމަވެސް މިމައްސަލަ ކޯޓުން މިހާރު ބަލައިގެންފައި ވާއިރު މައްސަލަ ހުށަހަޅާފައިވާ ޢަލީ އާދަމް މަނިކުގެ ގާނޫނީ ވަކީލަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަވަމުން ޙަސަން ލަތީފް ވިދާޅުވީ، ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބުގައި ގާނޫނާއި ޚީލާފު އެތައްކަމެއް ފާހަގަކުރެވިފައިވާ ކަމަށާއި، ޚާއްސަކޮށް އިންތިޚާބުގެ ވޯޓާސް ލިސްޓުގެ ސައްޙަ ކަމާމެދުވެސް ސުވާލު އުފެދޭކަމަށެވެ. އެގޮތުން ލިސްޓުގައި ކޮންމެހެން ހިމަނަން ޖެހޭ ބައެއް މައުލޫމާތުވެސް ނެތްކަމަށާއި، އަނެއްކޮޅުން އިންތިޚާބުގެ ކަންކަމުގައި ގޮތް ނިންމަވަން ތިއްބެވީވެސް އިންތިޚާބުގައި ވާދަކުރައްވާ ބައެއް ފަރާތްތަކުން ކަމަށެވެ ޙަސަންލަޠީފް ވިދާޅުވިއެވެ.

ޙަސަން ލަތީފް ވިދާޅުވީ މިމައްސަލާގައި ސްޕޯޓްސް ކޮމިޝަނާއި ގައުމީ މަޖިލީހުން ދެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށާއި، ސްޕޯޓްސް ކައުންސިލުން ދެއްވި ޖަވާބަކީ މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބެއް ކަމަށެވެ. އަދި މިކަންތައްތަކަކީ ދުރާލައި ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށާއި، މިކަން އެތައް އެސޯސިއޭޝަނަކަށް ކުރިމަތި ވެފައިވާކަމަށް ޙަސަން ލަތީފް ސިފަކުރެއްވިއެވެ.

ޙަސަން ލަތީފް ވިދާޅުވީ ސްޕޯޓްސް ކޮއުންސިލުން ޒިންމާ އަދާ ނުކުރާ ކަމަށާއި ސްޕޯޓްސް ކޮމިޝަނަރު މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށެވެ. އެހެންކަމުން ގައުމީ އެސޯސިއޭޝަނެއްގެ މައްސަލައިގައި އިންސާފު ހޯދަން މިހާރު ރާއްޖޭގައި ދެވެން އޮތް ހަމައެކަނި ތަނަކީ ކޯޓުކަމަށެވެ.

ޙަސަން ލަތީފް ވިދާޅުވީ، ކުޅިވަރު ގާނޫނު އުފެދިގެން ފަސް އަހަރު ވީރު ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ގާނޫނުން މަތިކޮށްފައިވާ، އާބިޓްރޭޝަން މަރުހަލާގައި ކަންކުރާނެ ގޮތެއް އެކުލަވާލާފައި ނެތުން އެއީ އެމަޖިލީހުން ޒިންމާ އަދާ ނުކުރާކަމުގެ ހެއްކެތް ކަމަށެވެ. އެހެންކަމުން މިވަގުތު ސްޕޯޓްސް ކޯޕަރޭޝަންގެ ރައީސަށް ކުޅިވަރަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ މަޤާމުން އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި އެ ކައުންސިލްގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ތިއްބެވި އެހެން މެމްބަރުން، މަސްއޫލިއްޔަތު އަދާކުރައްވާނެ ބޭފުޅުންނަށް ފުރުސަތު ދެއްވައި ދުރަށް ޖެހިވަޑައިގަތުން ކަމަށެވެ.

ޚަލީލު

ތިހެދީ ހަމަ ރަގަޅަށް. ޢިންތިޚާބުތައް އޮޅާލަންވެގެން އެސޯސިއޭޝަންތަކުގަ ތިބޭ މީހުން އަތްބާނަންޏާ އެކަން ހުއްޓުވަންވާނެ. އެހާ ހަޑިކޮށް އުޅޭތީ ވަރަށް ފޫހިވޭ. މިނިވަން އިންތިހާބެއް ބޭއްވެންވާނެ... ޢަހަރެންނަކީވެސް ޓީޓީ ވޯޓުލެވޭ މީހެއް.