ކުޅިވަރު

ސްވިމިންގ ޕޫލްގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް: މިނިސްޓަރ މަޙްލޫފް


ކޯވިޑް-19 އާއި ގުޅިގެން މަޑުޖެހިފައި އޮތް އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް އެޅުމުގެ މަސައްކަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މާލޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް އެޅުމަށް ހަމަޖެހިފައިވަނީ އެކުވެނި ދުވާ ޓްރެކް ސަރަހައްދު ކައިރީގައި އޮންނަ އެއް ނަންބަރު ކުނިކޮށީގައެވެ.

އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާނެ ބިން ލިބި، އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް ރަސްމީކޮށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮންޕެނީއާއި ހަވާލުކޮށްގެން މި ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްވިމިންގ ޕޫލް އެޅުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިހާރު އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށެވެ. އަދި މިކަން ކުރިޔަށް ގެންދިޔުމުގައި ސްވިމިންގ އެސޯސިއޭޝަންގެ ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޢަބްދުއްސައްތާރުގެ އިތުރުން އެ އެސޯސިއޭޝަންގެ އެކްސްކޯގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން މިނިސްޓަރގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ

މާލޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް އެޅުމުގެ މަސައްކަތް ލަސްވެގެން ދިޔައީ އެބިމަކީ އެހެން ފަރާތަކަށް ދީފައިވާ ބިމަކަށްވެފަ، އެމައްސަލަ އާބިޓްރޭޝަންގައި އޭރު އޮތުމުގެ ސަބަބުންނެވެ.

ސްވިމިންގ ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު މާލޭ 1 ނަންބަރު ކުނިކޮށީގައި ހުރެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރިން ވިދާޅުވީ، އަންނަ އަހަރު ސްވިމިންގ ޕޫލް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އަދި އަންނަ އަހަރު ޕޫލްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފެށޭ ވަރު ވާނެކަމަށެވެ.

މަސައްކަތް ފަށާތާ 8 މަހުގެ ތެރެގައި ނިމޭނެ ކަމަށް ލަފާކުރެވޭ މިޕޫލަކީ 50 މީޓަރު ދިގު، 25 މީޓަރު ފުޅާ މިނުގެ 10 ލޭން އޮންނަ ޕޫލެކެވެ. އަދި ވޯމްއަޕް ޕޫލެއްގެ ގޮތުގައި 25 މީޓަރުގެ 4 ލޭން އޮންނަ ޕޫލެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ފެތުންތެރިން ބޭނުން ކުރާނެ ޖިމަކާއި ކޯޗުން ތިބޭނެ ތަނެއްގެ އިތުރުން ސްވިމިންގ އެސޯސިއޭޝަންގެ އޮފީސްވެސް މިތަނުގައި ހިމެނޭނެއެވެ.

އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށިއިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ޔޫތް މިނިސްޓަރ މީގެ ކުރިން ވަނީ ދެއްވާފައެވެ.