ކުޅިވަރު

މެސީ ބޭނުންވަނީ ބާސާ ދޫކޮށްލަން، ބާސާއިންވެސް އެކަން ކަށަވަރުކޮށްދިފި


ސްޕެއިންގެ ބާސެލޯނާގައި 19 އަހަރު ހޭދަކުރުމަށްފަހު އެކުލަބު ދޫކޮށްލަން ބޭނުންވާކަން ކެޕްޓަން ލިއޮނެލް މެސީ ހާމަކޮށްފިއެވެ.

ބާސެލޯނާއިން މިހާރު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެކުލަބުން ބުނީ، މެސީ ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށް އެކަން ލިއުމަކުން އަންގާފައިވާ ކަމަށެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައި މިވަނީ ބާސެލޯނާގެ ތާރީޚުގައިވެސް އެކުލަބުން އެންމެ ލަދުވެތި ގޮތަކަށް މެޗަކުން ބަލިވީތާ އެންމެ 11 ދުވަސްފަހުންނެވެ. އެއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިފަހަރުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން 8-2 އިން ބަލިވި މެޗެވެ. އަނެއްކޮޅުން ހުސްވި ސީޒަނަކީ މެސީގެ ކެރިއަރުގައިވެސް އެންމެ ނާކާމިޔާބު ސީޒަނެވެ. އެއީ 2007 ވަނަ އަހަރަށްފަހު ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުންނެވެ.

ރެކޯޑް އަދަދަކަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ މިހާތަނަށް އޭނާގެ މުޅި ފުޓުބޯޅަ ހަޔާތް ހޭދަކޮށްފައިވަނީ ބާސެލޯނާގައެވެ. ބާސާގެ އެކަޑަމީން އުފެދިގެން އައިސް ޕްރޮފެޝަނަލް ލެވެލްގައި ކުޅެން ފެށިފަހުން ބާސެލޯނާ ނޫން އެހެން އެއްވެސް ކުލަބަކަށް އޭނާ ކުޅެފައެއްނުވެއެވެ.

ބާސެލޯނާ އާއިއެކު މެސީ އެންމެ ފަހުން ކޮންޓްރެކްޓް އައުކުރުމަށްފަހު އޭނާވަނީ އޭނާގެ މުޅި ފުޓުބޯޅަ ހަޔާތް ހޭދަކުރަން ބޭނުންވަނީ ބާސާގައި ކަމަށް ބުނެފައެވެ. އެފަހަރު އޭނާހެދި ކޮންޓްރެކްޓް ބުނާގޮތުން ސީޒަން ނިމުމަށްފަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ބޭނުން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތީ އޭރު ދީފައެވެ.

ބާސެލޯނާއިން މިހާރު ބުނަމުން އަންނަނީ، ސީޒަން ނިމުމަށްފަހު މެސީ ބޭނުން ކުލަބަކަށް ބަދަލުވުމުގެ އިހުތިޔާރު އޭނާއަށް ދޭގޮތަށް ހިމަނާފައި އޮތް އޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި، މެސީ ގަންނަން ބޭނުންވާ ކުލަބަކުން ޕޭކްލޯސްގެ ގޮތުގައި ހަތް ސަތޭކަ މިލިއަން ޔޫރޯ ދައްކަން ޖެހޭނެކަމަށެވެ. ނަމަވެސް މިކަމަށް އަދި ވަކިގޮތެއް ނިމިފައެއް ނުވެއެވެ.

ރިޕޯޓްތަށް ބުނާގޮތުން މެސީ ދިއުން އެންމެ ގާތީ އިނގިރޭސި ޕްރިމިއާ ލީގަށެވެ. އެއީ މެސީއަށް މީގެކުރިން ކޯޗުކޮށްދިން ޕެޕް ގާޑިއޯލާގެ އިރުޝާދު ދެމުންދަނީ މެންޗެސްޓާ ސިޓީއަށް ކަމަށްވާތީ ބެލެވެއެވެ. އެގޮތުން ކުލަބު ބަދަލުކުރުމާއި ގުޅޭގޮތުން މެސީ އާއި ގާޑިއޯލާ ފޯނުން ވާހަކަ ދައްކާފައިވާކަމަށްވެސް ސްޕެއިންގެ މީޑިއާތަކުންބުނެއެވެ.

ބާސެލޯނާގައި މިހާތަނަށް ހޭދަކުރި 19 އަހަރުގެ ތެރޭގައި 6 ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން މެސީ ވާނީ އެކުލަބާއިއެކު 10 ފަހަރު ސްޕެނިޝް ލީގު އަދި 4 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.