ޚަބަރު

ދައުލަތަށް 6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ފަތުހު ގުރޫޕާއި، ހިއްސާދާރުންގެ މައްޗަށް ހުކުމްކޮށްފި


ހައްޖަށް ގެންދިޔުމަށް މީހުންގެ އަތުން ފައިސާ ނަގައި އެމީހުން ހައްޖަށް ގެންގޮސްފައި ނުވާތީ، އެމީހުން ހައްޖަށް ފޮނުވައިދިނުމަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ދައުލަތަށް ދެއްކުމަށް އަލްފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ، މިމައްސަލައިގައި ދަށުކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ދައުލަތުން ހުށައެޅުމާއި ގުޅިގެން، އެމައްސަލާގައި ކަންހިނގާފައިވާ ގޮތްތަކުގެ މައްޗަށް ބެއްލެވުމަށް ފަހުގައެވެ.

މިމައްސަލަ އަކީ، 1435 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް، މީހުން ގެންދިޔުމަށް ފައިސާ ނަގައި އެމީހުންނަށް ހައްޖަށް ދެވޭ ގޮތް ނުވުމުން ދައުލަތުން ޚަރަދުކޮށްގެން 118 މީހަކު ހައްޖަށް ފޮނުވުމާއި ގުޅިގެން ހިނގި ޚަރަދު ހޯދުމަށް އެކުންފުނީގެ މައްޗަށް ދައުވާކޮށްފައިވާ މަައްސަލައެކެވެ.

މިމައްސަލައިގައި ދަށުކޯޓުން ނިންމި ބައެއް ކަންކަމަށް ހައިކޯޓުން ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ދައުލަތުން ކުރި ޚަރަދު އަނބުރާދެއްކުމުގައި، ކުންފުނީގެ ހިއްސާދާރުން ޒިންމާއުފުލަން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. މިގޮތުން މިމައްސަލައިގައި، ޖުމުލަ 6،722،408.99ރ (ހަމިލިޔަން ހަތްލައްކަ ބާވީސްހާސް ހަތަރު ސަތޭކަ އަށްރުފިޔާ، ނުވަދި ނުވަލާރި) ހަމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް، އަލްފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި، އެކުންފުނީގެ ހިއްސާދާރުން ކަމުގައިވާ، ހ.ސިއްކަގޭ، ހުޅަނގުބައި، މަރްހަމް ރަޝީދާ އިބްރާހިމް އާއި، ދ މީދޫ މުޝްތަރީގޭ، މުހައްމަދު އަސްލަމް އާއި، މ.އެކްސެލް އިސްމާއީލް ސުވައިދު އާއި، މ.އެކްސެލް މުސްޠަފާ މުހައްމަދު ދީދީގެ މައްޗަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފަތުހު ޖަމާއަތަށް ފައިސާ ދައްކައި ހައްޖަށް ނުދެވުނު 118 މީހަކު ހައްޖަށް ފޮނުވުމަށް، ޓިކެޓްޚަރަދާއި ހައްޖާއި ގުޅޭ އެހެން ޚަރަދުތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން، ޚަރަދުކޮށްފައިވާ 4،939،600.71ރ, (ހަތަރުމިލިޔަން ނުވަސަތޭކަ ތިރީސް ނުވަހާސް، ހަސަތޭކަ ރުފިޔާ ހަތްދިހަ އެއްލާރި) ފަތުހު ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ކަމަށް ދަށުކޯޓުން ހުކުމް ކުރި އިރު، ހައްޖުވެރީން ހޮޓާތަކުގައި ބޭތިއްބުމުގެ ޚަރަދުގެ ގޮތުގައި، ދައުލަތުން ހޯދުމަށް އެދުނު، 1،782،808.28ރ (އެއްމިލިޔަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްރުފިޔާ އަށާވީސް ލާރި) ދައްކަން ނުޖެހޭކަމަށް ދަށުކޯޓުން ހުކުމްކުރި ނަމަވެސް ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެފައިސާވެސް ދައްކަން ޖެހޭނެ ކަމަށެވެ. މިގޮތުން މިހުރިހާ ފައިސާއެއް ދެއްކުމަށް، އަލްފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި އެކުންފުނީގެ ހިއްސާދާރުންނަށް، ހައިކޯޓުން ދީފައި ވަނީ، 13 އޮގަސްޓް 2020ން ފެށިގެން 6 މަސްދުވަހުގެ މުހުލަތެކެވެ.

ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާ މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން ވަނީ މީގެ ކުރިން މަކަރާއި ހީލަތް ހެދުމުގެ ދައުވާވެސް އުފުލާފައިވެއެވެ.