ޚަބަރު

ޣައްޒާ ޞުލްޙައިގެ އެއްބަސްވުމަކީ "ބޮޑު ކުރިއެރުމެއް": ޓްރަމްޕް


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމުގެ ގޮތުން އެކުލަވައިލުމަށް މަސައްކަތް ކުރަމުންދާ ޞުލްޙައިގެ އެއްބަސްވުމަށް "ބޮޑު ކުރިއެރުމެއް" ލިބިފައިވާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ސިފަކުރައްވާފައި މި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވި އެއްބަސްވުމެވެ. ނަމަވެސް، ޙަމާސުން ބުނީ މިއީ ފުރިހަމަ އެއްބަސްވުމެއް ނޫން ކަމަށާާއި، މިއީ އެއްބަސްވުމެއްގެ އޮނިގަނޑު ކަމުގައެވެ. އަދި، ޔަހޫދީން ވަނީ އެއްބަސްވުމަށް އިންކާރު ކުރާނެ ކަމުގެ އިޝާރާތްތަކެއް ދީފައެވެ.

ޙަމާސުން އެއްބަސްވެފައިވާ ކަމުގައި ބުނެ ޣައްޒާ ޞުލްޙައިގެ ބޯޑުން 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ މަގުޗާޓެއް އިޢުލާނު ކޮށްފައިވާއިރު، ޙަމާސުން ބުނީ، އެއްބަސްވުން ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ޔަހޫދީން ކަމުގައެވެ. މި ގޮތުން، މީގެ ކުރިން މިޞްރުގައި އެއްބަސްވި ފަދައިން، ޣައްޒާއަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ބާލައި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލަން ޖެހޭނެ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ޔަހޫދީން ބުނީ، ޔަހޫދީ ސިފައިން ފައިބާނީ ޙަމާސުން ހަތިޔާރު ބެހެއްޓުމުން ކަމުގައެވެ. މި ދަނޑިވަޅުގައި، ޔަހޫދީ ސަރުކާރުގެ ނިރުބަވެރި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރް ވަނީ ޞުލްޙައިގެ ބޯޑުގެ އެއްބަސްވުން ޤަބޫލު ނުކުރާނެ ކަމަށާއި، އެއަށް ޢަމަލު ނުކުރާނެ ކަމުގައި ފާޅުގައި ބުނެފައެވެ.

ޞުލްޙައިގެ މަަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވި ނަމަވެސް، 2023 އޮކްޓޫބަރުން ފެށިގެން ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންގެ އުންމީދު އައުވެފައެއް ނުވެއެވެ. މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ޙަމާސްގެ އޮފިޝަލެއް ކަމުގައިވާ ޣާޒީ ޙަމަދު ވިދާޅުވީ، މިއީ "އުނދަގޫ" އެއްބަސްވުމެއް ނަމަވެސް، އެއްބަސްވުމަށް އިޙުތިރާމު ކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް، އެ ކަން ބަރޯސާވެފައި ވަނީ މިޞްރުގެ ޝަރްލް އަލް-ޝައިޚްގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ޔަހޫދީން ތަންފީޒުކޮށް، ޢުދުވާނީ ހަމަލާތައް ހުއްޓައިލައި، ޣައްޒާއިން ސިފައިން ބޭލުމަށް ކަމުގައެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުން އިތުރު ކުރުމުގެ މައްޗަށް ކަމުގައެވެ.

ޓްރަމްޕް އެކުލަވައިލެއްވި ޞުލްޙައިގެ ބޯޑުން ވަނީ ޞުލްޙައަށް ވާސިލުވުމަށް ތަންފީޒުކުރާނެ 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ މަގުޗާޓެއް އިޢުލާނު ކޮށްފައެވެ. މި މަގުޗާޓުގެ ދަށުން ޙަމާސްގެ ބާރުގެ ދަށުގައި ހުރި ބަރު ހަތިޔާރާއި، އަސްކަރީ އުފެއްދުންތަކާއި، ހަތިޔާރު ގުދަންތައް ނައްތައިލަން ޖެހޭނެއެވެ. އަދި، ޣައްޒާގައި ވެރިކަން ހިންގުމުގެ ޒިންމާތައް މަތިކުރެވޭނީ ފަންނީ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ޤައުމީ ފެންވަރުގެ ކޮމިޓީއަކާއެވެ. ޙަމާސްގެ ހަތިޔާރު ޔަހޫދީންނާ ޙަވާލުކުރުމަށް މަގުޗާޓުގައި ހިމަނާފައެއް ނުވެއެވެ. އައު މަގުޗާޓު އިޢުލާނުކުރުމާއެކު، އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ، އިތުރު ސުވާލެއް އަދި ބަހަނާއެއް ދެއްކުމެއް ނެތި މި މަގުޗާޓު ތަންފީޒު ކުރުމަށް ހުރިހާ ފަރާތަކަށް ގޮވައިލައްވާފައެވެ.