ވިޔަފާރި

ޓެރަރިޒަމްއާއި މަނީލޯންޑްރިން ޤާނޫނުގެ ދަށުން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރުމާބެހޭ ޤަވާއިދު ގެޒެޓްކޮށްފި


މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނަގާ ފައިސާއާއި މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އެކައުންޓެއް ހުޅުވަން ޖެހޭގޮތަށް ޤަވާއިދު އެކުލަވާލައިފިއެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދު މިހާރު ވަނީ ގެޒެޓުކޮށް، އަމަލުކުރަން ފަށާފައެވެ.

ޤަވާއިދުގައިވާ ގޮތުން ދައުލަތަށް ނަގާ ފައިސާއާއި ދައުލަތަށް ނަގާ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ހުޅުވާ އެކައުންޓުން، ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިންނެވެ. ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައިނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް، އެމްއެމްއޭގައި ހުޅުވާ އެކައުންޓަށް، އެ ބޭންކަކުން އެ ފައިސާ ޖަމާކުރަންޖެހެއެވެ.

ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ ފަރާތަކަށް ހުށަހެޅުމުން، އެ ފަރާތަކުން އެ ފައިސާ އެމްއެމްއޭގެ އެކައުންޓަށް ޖަމާކުރަންވާނެކަމަށް ޤަވާއިދުގައިވެއެވެ. އަދި ދައުލަތަށް ނެގޭ މުދާ ބަހައްޓަންޖެހޭނީ ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގައެވެ. އަދި، ނައްތައިލެވޭ މުދާ ފިޔަވައި ދައުލަތަށް ނެގޭ އެންމެހައި މުދާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން ވިއްކާލަންދެން އެކަށީގެންވާ ގޮތަކަށް އަދި އެ މުދަލުގެ އަގު އެކަށީގެންވާ ވަރަށް ވުރެ ދަށްވެގެން ނުދާނެ ގޮތަކަށް ބަލަހައްޓަންވާނެ ކަމަށް ގަވާއިދުގައިވެއެވެ. މިގޮތުން ބަލަހައްޓަންވާނީ، އެ މުދަލަކުން މަންފާ ލިބެމުންދާނެ ގޮތަކަށް ކަމަށްވެސް ޤަވާއިދުގައިވެއެވެ.

ދައުލަތަށް ނެގޭ މުދާ ނައްތައިލެވިދާނެ ހާލަތްތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ޤާނޫނާ ޚިލާފު ޢަމަލެއް ހިންގުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދަލާއި، މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއް އަދި ކައުންޓަރފީޓް މުދާ ނައްތާލެވިދާނެ ކަމަށް ގަވާއިދުގައިވެއެވެ.

ދައުލަތަށް ނެގޭ މުދާ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވިއްކާލުމުގެ ނުވަތަ ކުއްޔަށްދިނުމުގެ އިޚްތިޔާރު، ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ. ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި، އެއްލައްކަ ރުފިޔާއަށްވުރެ އަގު ބޮޑު މުދާ ވިއްކާލަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައެވެ.

ކަމާބެހޭ އިދާރާއިން، އެ ފައިސާއެއްގެ ނުވަތަ އެ މުދަލެއްގެ މައްޗަށް "ހެޔޮ ނިޔަތުގައި ޢަމަލުކުރާ ތިންވަނަ ފަރާތެއްގެ ޙައްޤެއް" އޮވެދާނެ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ފުރުޞަތު ދިނުމަށްޓަކައި، ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ ކޯޓު އަމުރު ނެރެފައިވާ ތާރީޚުން ފެށިގެން ދެ ދުވަހުގެ ތެރޭގައި، ކަމާބެހޭ އިދާރާއިން، 2 ހަފުތާ ވަންދެން ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ކޯޓު އަމުރެއް ޝާއިޢުކުރަން ޖެހެއެވެ. މިގޮތުން ޝާއިޢުކުރާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އެފަދަ ފަރާތްތަކުން ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ގަވައިދުގައިވެއެވެ.

ދައުލަތަށް ނެގޭ ފައިސާއާއި މުދަލާ ގުޅޭ ރިކޯޑުތަކާއި ހިސާބުތައް، ކަމާބެހޭ އިދާރާއިން ބަލަހައްޓަންޖެހެއެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި، ދައުލަތަށް ނެގޭ މުދާ މެނޭޖްކުރުމުގެ ކަންކަން އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓް، ކަމާބެހޭ އިދާރާއިން ޝާއިޢުކުރަންޖެހޭނެވެސް މިޤަވާއިދުގައިވެއެވެ.