ތަރައްްޤީ

ވީ.އައި.އޭގެ އައު ކާރގޯ ޓަރމިނަލުގައި ހިމެނޭ ޖެޓީ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ކާރގޯ ޓަރމިނަލުގައި ހިމެނޭ ޖެޓީ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ވިދާޅުވީ، އައު ކާރގޯ ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކާރގޯ އުޅަނދުފަހަރަށް ފަސޭހައިން ބޭނުންކުރެވޭހެން އެ ސަރަޙައްދުގެ ޖެޓީ ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މި ޖެޓީއަކީ ކާރގޯ އުޅަނދުފަހަރަށް ބޭނުންވާނެ ގިނަ ޚިދުމަތްތަކަކާއި ވަޞީލަތްތަކަކާއެކު ތަރައްޤީކުރާ ޖެޓީއެއްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

އެގޮތުން މި ޖެޓީގައި ކާރގޯ އުޅަނދުފަހަރަށް މުދާ ލޯޑުކޮށް އަންލޯޑުކުރުމަށް ޚާއްސަ ކެރޭންތަކެއް އިންސްޓޯލްކުރެވިފައި ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި ޖެޓީ ސަރަޙައްދުގައި 15 ހާސް އަކަ މީޓަރު ހުންނައިރު، ކާރގޯ ޓަރމިނަލަކީ 12 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އައު ކާރގޯ ޓަރމިނަލްގެ ޢިމާރާތް ހިޔާކޮށް، ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް މިދިޔަ ޖޫންމަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ފާރުތައް ރޭނުމާއި، ޑްރައިވޯލް ފްރޭމްތައް ހަރުކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

މީގެ އިތުރުން ކާރގޯ ޓަރމިނަލްގެ ފަޔަރ ޕަމްޕް ހައުސްއަށް ބޭނުންވާ ވޯލް އެންޑް ސްލެބް ފޯމްވޯރކްސް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، 2021 ވަނަ އަހަރުގެ ކުރީކޮޅަށް ކަރގޯ ޓަރމިނަލްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

ވީ.އައި.އޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ހުޅުލޭގައި ޢިމާރާތްކުރާ އައު ކާރގޯ ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުންދާ ޓަރމިނަލެކެވެ. އައު ކާރގޯ ޓަރމިނަލްގެ މަސައްކަތް ކުރަމުންދަނީ އައު ރަންވޭގެ މަސައްކަތްވެސް ކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ މި ޓަރމިނަލަކީ މިހާރު ބޭނުންކުރާ ޓަރމިނަލަށްވުރެ 50 އިންސައްތަ ޖާގަ ބޮޑު ޓަރމިނަލެކެވެ. އަދި މިތަނުން އަހަރަކު 120 ހާސް ޓަނުގެ މުދާ ގުދަންކުރެވޭނެ ކަމަށްވެސް އެމް..އޭ.ސީ.އެލުން ވިދާޅުވެއެވެ.

އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރާ އައު ކާގޯ ޓަރމިނަލާއެކު އެއަރޕޯޓުން ފޯރުކޮށްދޭ މުދާ ލޯޑްކޮށް، އަންލޯޑްކުރުމުގެ ޚިދުމަތްތަކަށް ހަލުވިކަމެއް އަންނާނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.