ޚަބަރު

ވ.ރަކީދޫ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި


ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރަކީދޫ ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައިވެއެވެ.

ރަކީދު ބަނދަރު ހެދުމަށް ކުރިއަށް ގެންދާ މަޝްރޫޢުގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް މިމަޝްރޫޢުގައި ހިމެނެއެވެ. އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 429 ސްކޮއަރ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާ ޚަރަދު ވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1 އޮކްޓޯބަރ 2019 ގައެވެ.

ވ. ރަކީދޫ ބަނދަރު ހެދުމަށް ބޭނުންވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭ ހުއްދަ ލިބިފައިވަނީ 26 ޑިސެމްބަރ 2019 ގައެވެ.