ޚަބަރު

"ބޭނުންވަނީ މައުލޫމާތަށް އެދުމުގެ ކުރިން ހާމަކޮށްފައި ހުރިކަން ޔަގީންކުރަން"


  • ޤާނޫނުގެ ނިޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސްނެގުމުގެ މަތިން މައުލޫމާތު ހާމަކޮށްފައި ހުރުން

  • މައުލޫމާތު ފޯރުކޮށްދިނުމުގައި ޑިޕްލޮމަސީގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ބޭނުންފުޅުވަނީ މައުލޫމާތު ހޯދަން އެދުމުގެ ކުރިން މައުލޫމާތު ހާމަކޮށްފައި ހުރިކަން ޔަގީންކުރަން ކަމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ޢަބްދުލްޢަޒީޒު މިހެން ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރަކަށް އޭނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބުމުގެ ޙައްގުގެ ޤާނޫނުގެ މަގުސަދަކީ ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށާއި އެ މަގުސަދު ހާސިލްކުރައްވާނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ. އެގޮތުން، ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށާއި އާންމު އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކުން އެ މައުލޫމާތު ނުލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.

މައުލޫމާތު ހޯދައި ލިބުމުގެ ޙައްގުގެ ޤާނޫނު އެކުލަވައިލިއިރު މަޖިލީހުގެ ކޮމިޓީގައި ހުންނެވިކަން ފާހަގަކުރައްވައި ޢަބްދުލްޢަޒީޒު ވިދާޅުވީ އެ ޤާނޫނުގެ ނިޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސްނެގުމުގެ މަތިން މައުލޫމާތު ހާމަކޮށްފައި ހުރުން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ކޮންމެހެން ލިބިފައި ހުންނަންޖެހޭ މައުލޫމާތު ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުން މައުލޫމާތަށް އެދެންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަމޭ. އެއީ ކޮންމެހެން އެދިގެން ލިބެންޖެހޭ އެއްޗެއް ނޫން. ދައުލަތުން ކުރާ ކަންތަކުގެ މައުލޫމާތު އަޅުގަނޑު ގަބޫލުކުރާގޮތުގައި. އެއީ ދައުލަތުގެ މުއައްސަސާތަކުން އިސްނަގައިގެން ކޮށްފައި ހުންނަންޖެހޭ ކަންތައްތައް،" ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވިއެވެ.

ޢަބްދުލްޢަޒީޒު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ދެވަނަ ފަހަރަށް ކުރިމަތިލާން ނިންމެވީ އެ މަޤާމުގައި ކުރިން ހުންނެވިއިރު ގެންގުޅުއްވި އަސާސްތައް ނެތިގެންދާތީ، އެ އަސާސްތައް އަލުން ދިރުވުމަށް ކަމަށެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާ ހަވާލުވުމަށްފަހު މިހާރު ހުރި ބައެއް ކަންކަން ހައްލުކުރައްވާނެ ކަމަށާއި އެގޮތުން، ވެބްސައިޓު ރަނގަޅު ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޢަބްދުލްޢަޒީޒް ފާހަގަކުރެއްވިއެވެ.