ޚަބަރު

ވަރި ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒް ކުރަނީ


ވަރި ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީޙް ޖަމާލް އެން.ސީ.އައި.ޓީ އަދި ޑީ.ޖޭ.އޭ މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރު އާއި މިއަދު ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ވަރި ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު އާއި އެން.ސީ.އައި.ޓީގެ އިސްވެރިންނާއި، ޑީ.ޖޭ.އޭގެ އިސް މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ ވަނީ، ވަރި ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ ދާދި ފަހުން ލޯންޗުކުރި "ގެމެން" ޕޯޓަލްގެ ބައެއްގެ ގޮތުގައި މި މައުލޫމާތު ވާތީއާއި، އަދި އެ ޕޯޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް މި މައުލޫމާތު މުހިންމުވުން ކަމަށް ވިދާޅުވެފައެވެ. ގެމެން، ޕޯޓަލް ފުރިހަމަ ވެގެންދާއިރުގައި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށްވެސް މީގެއިން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސައްކަތްތަކުގެ ޚަރަދު ކުޑަވެ، އަވަސް ދުވެލީގައި ކުރިއަށްގެންދެވޭނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރި ކައިވެނީގެ މައުލޫމާތު އޮންލައިން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ދެފަރާތުން މި ބައްދަލުވުމުގައި ގޮތްތަކެއް ނިންމެވިއެވެ. ކޮމިއުނިކޭޝަން މިނިސްޓްރީއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އަމަލީ ގޮތުން މި މަސައްކަތް ފެށުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރައްވާފައެވެ.

ވަރި ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްކުރަން ފަށާފައިވާއިރު، މާލެ ސިޓީގައި އީ.ކައުންސިލްގެ "ގެމެން" މޮޑިއުލް ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ.

އާއްމު ރައްޔިތުންގެ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ އީ-ކައުންސިލްގެ "ގެމެން" މޮޑިއުލްއަކީ ރާއްޖޭގައި ވިހާ މަރުވާ މީހުންނާއި ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ގުޅޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތަރައްޤީކޮށްފައިވާ ޕޯޓަލްއެކެވެ.

"ގެމެން" މޮޑިއުލަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިސްނެންގެވުމުގެ ދަށުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީ މެދުވެރިކޮށް ތަރައްޤީކޮށް، މާލެ ސިޓީ ކައުސިލާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން އެކުލަވާލަމުންދާ ނިޒާމެކެވެ. މިނިޒާމަކީ ރައްޔިތުންގެ އާބާދީއާއި ބެހޭ ހުރިހާ މައުލޫމާތެއް ޑިޖިޓައިޒްކޮށް ފޯރުކޮށްދިނުމަށް ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.