ޚަބަރު

އިންޑޮނޭޝިއާއަށް އިތުރު ބިންހެލުމެއް، މަރުވި މީހުންގެ ޢަދަދު 38އަށް


އިންޑޮނޭޝިއާއަށް މިއަދު އައި ދެވަނަ ބިންހެލުމުގައި ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ.

ޖާމަން ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 158 ކިލޯމީޓަރު (98.18 މޭލު) އަޑިން، ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައެވެ.

މި ބިންހެލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ، ސުމާތުރާގެ ވެރިރަށް މެޑާންގެ ދެކުނުއިރުމަތިން ގާތްގަނޑަކަށް 126 ކިލޯމީޓަރު ދުރުގައިވާ ޕެމަތަންގްސިއަންތާރް އަށެވެ.

ބިންހެލުން އައި ވަގުތު ސުނާމީއެއްގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު ކެންސަލްކޮށްފައެވެ.

މިއީ މިއަދު އިންޑޮނޭޝިއާއަށް އައި ދެވަނަ ބިންހެލުމެވެ. މިއަދުގެ ފަތިހުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ސުނާމީގެ އިންޒާރެއް ނެރުނެވެ.

އެ ބިންހެލުމުގައި މިހާތަނަށް 38 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އަދި ބިންހެލުމުގެ ލޮޅުންތަކާއެކު އިމާރާތްތަކުގެ ބައިތައް ވެއްޓެމުންދިޔައިރު، އާންމުން ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ދުވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.