ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ސޮނާކްޝީ ސިންހާ، އޭނާގެ ކުރެހުންތައް ވިއްކައިގެން ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށް އެހީވާން ނިންމައިފިއެވެ. 
ކޯވިޑް-19އާއި ގުޅިގެން މުޅި އިންޑިއާ ފުރަބަންދުކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބާރުބޮޑު އެއް ފިލްމް އިންޑަސްޓްރީކަމަށްވާ ބޮލީވުޑްގެ މަސައްކަތްތައްވެސް ވަނީ ގާތްގަނޑަކަށް މަޑުޖެހިފައެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވަނީ ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށެވެ. 
އެހެންކަމުން އެފަދަ މީހުންނަށް މާލީއެހީ ފޯރުކޮށްދިނުމަށް އެކި އެކި ޖަމިއްޔާ ޖަމާޢަތްތަކުން މަސައްކަތްކުރަމުންދާއިރު، މިކަމުގައި ބޮލީވުޑްގެ އަގުބޮޑު ތަރިން އަންނަނީ ނަމޫނާ ދައްކަމުންނެވެ. 
އޭގެ ތެރޭގައި ހިމެނޭ އެއް ފަންނާނަކީ ކުޅަދާނަ ބަތަލާ ސޮނާކްޝީ ސިންހާއެވެ. ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ސޮނާކްޝީ ވަނީ އޭނާގެ އަމިއްލަ ކުރެހުންތަކެއް ނީލަމުގައި ވިއްކައިގެން ލިބޭ ލާރިން ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށް އެހީވާން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި މިކަން އޭނާ ކުރާނީ އެކިކަހަލަ ޗެރިޓީ ކަންކަމަށް ފަންޑް ރައިޒްކުރާ ބައެއްކަމަށްވާ "ފޭންކައިންޑް"އާއި ގުޅިގެންކަމަށް އޭނާ ބުނެފައިވެއެވެ. 
ނީލަމުގައި ވިއްކުމަަށް ހަމަޖެހިފައިވާ ކުރެހުންތަކުގެ ތެރޭގައި ޑިޖިޓަލް ޕްރިންޓާއި، ސްކެޗެސްތަކުގެ އިތުރުން ބޮޑެތި ކެންވަސްތަކުގައި ސޮނާކްޝީ ކުރަހާފައިވާ ކުރެހުންތައް ހިމެނެއެވެ. އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކުރެހުންތައް ވިއްކައިގެން އެއްކުރެވޭ ލާރިން ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށް ބޭނުންވާ "ރޭޝަން ކިޓްސް" ފޯރުކޮށްދޭނެކަމަށް ސޮނާކްޝީ ބުނެފައިވެއެވެ. 
		
			ސޮނާކްޝީގެ ބައެއް ކުރެހުންތައް ދައްކުވައިދޭ ކުރު ވީޑިއޯ ކޮޅަކާއެއްކޮށް ކޮށްފައިވާ މި ޕޯސްޓަށް އޭނާގެ ސަޕޯޓަރުންނާއި، އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފަންނާނުން އަންނަނީ ތަޢުރީފުކުރަމުންނެވެ. އަދި އޭނާގެ މި އިސްނެގުމަށް މަރުހަބާ ކިޔާކަމަށް ބޮލީވުޑްގެ ނަން މަޝްހޫރު ބައެއް ތަރިންވެސް ބުނެފައިވެއެވެ. 
ސޮނާކްޝީ ވަނީ އޭނާގެ ސަޕޯޓަރުންގެ އެހީތެރިކަމާއެކު އިންޑިއާގެ ޕޫނޭގައި ހުންނަ ސަރްދާރު ޕަޓޭލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޞިއްޙީ އެހީތެރިން ބޭނުންކުރުމަށް ގިނަ ޢަދަދެއްގެ ޕީ.ޕީ.އީ ކިޓުވެސް ހަދިޔާކޮށްފައެވެ.