 
										 
										
			އެޗްޑީސީގެ ފަރާތުން ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރަމުން އައި ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިމިއްޖެއެވެ. 
އެޗްޑީސީން ވިދާޅުވީ މީގެ ކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރި ޢިމާރާތެއް ބިދޭސީންނަށް ޚާއްސަ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށް ތައްޔާރީ ޙާލަތަށް ގެނެސްފައިވާކަމަށެވެ. 
މި ޢިމާރާތުގައި 667 އެނދުވަނީ ބަހައްޓާވަފައެވެ. އަދި ޕްރީ-ފެބް 32 ފާޚާނަ ހިމެނޭ، ފާޚާނާ ބަރިއެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މިފާޚާނާ ބަރީގެ މަސައްކަތް އެޗްޑީސީއާއި ގުޅިގެން ފެޑޯ ކުންފުނިން ނިންމާލާފައިވަނީ 10 ދުވަހުގެ ތެރޭގައިކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
		
މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންއައި ބިދޭސީން މިޙާލަތުގައި ރައްކާތެރި މާހައުލުތަކަށް ގެންދިޔުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި 3000 ބިދޭސީން ހުޅުމާލެއާއި ގުޅީފަޅު އަދި ވިލިވަރަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ހުޅުމާލެއަށް 300 އެއްހާ ބިދޭސީން ބަދަލުކޮށްފައިވާއިރު ގުޅީފަޅަށް 600 މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރައްވަމުންނެވެ.