ޚަބަރު

މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ބެންކޮކަށް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ބެންކޮކްގައި ތިބި ދިވެހި ޢާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިހަފްތާގެ ބުރާސްފަތި ދުވަހު މޯލްޑިވިއަނުން ބެންކޮކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓުގައި މިތަކެތި ހިލޭ ފޯނުވުމަށް ހަމަޖެހިފައިވާކަމަށާ، ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެމިނިސްޓްރީން ވިދަޅުވެއެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 އޭޕްރީލް ވާ ބުދަދުވަހުގެ ހެނދުނު 09:00 އިން މެންދުރު 15:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބަހައްޓާފައިވާ ޚާއްސަ ކައުންޓަރު ތަކުންނެވެ.

ކެއަރ ޕެކޭޖްގެ ގޮތުގައި މިތަންތަނަށް ފޮނުވޭނީ އެ ޤައުމުގައި މިވަގުތު ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާތަކެތިކަމަށާ، ކޮންމެ ޢާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކާގޯގެ ގޮތުގައި ފޮނުވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ތަކެތީގެ ތެރޭގައި، ޑަކްޓަރީ ބޭސް، މަސް ދަޅު ކޭސް، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުރި ރިހާކުރު ފުޅި ހިމެނެއެވެ. އަދި މަސް ޕެކެޓާއި، ފަތް ޕެކެޓާއި، ފިހާރަތަކުން ވިއްކާ ޕެކެޓްކޮށް ބަންދުކޮށްފައިވާ ކާބޯތަކެތިވެސް ފޮނުވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކާގޯގެ ގޮތުގައި ކާޑުގެ ބާވަތްތަކާއި، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި، ހެދިކާއާއި ތައްޔާރީ ކާނާ އާއި މޭވާއާއި ތަރުކާރީގެ އިތުރުން ފައިސާ ނުފޮނުވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކެއަރ ޕެކޭޖުގެ ގޮތުގައި ފޮނުވަން ބޭނުންވާ ތަކެތި ގެންދަންޖެހެނީ ފޮށިގަނޑު ބަންދުކުރުމަށް ބޭނުންވާ ސާމާނާއެކު ފޮނުވުމުގެ ހުއްދަ ލިބިފައިވާ ފޯމާއެކު ކަމަށާ، ފޮށިގަނޑު ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސްއާއި އޭވިއޭޝަން ސެކިއުރިޓީ ބެއްލުމަށްފަހުކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.