ޚަބަރު

ހަތް ދިވެހިން ކޮރޯނާ ވައިރަަހަށް ނެގެޓިވް ވުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް: ޑިފެންސް މިނިސްޓަރ މާރިޔާ


ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އަދި އެވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީން ނެރުނު 7 ދިވެހިންވެސް އެވައިރަހަށް ނެގަޓިވްވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިހެން ވިދާޅުވީ، އެކަމާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ދިއްލީގައި ހުންނަވައި މިއަދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިއްލީގައި ކަރަންޓީންކޮށްފައިވާ 7 ދިވެހިންވެސް އަދި އެމީހުންނާއި އެކު ވުހާންއިން ނެރެގެން ގެނައި އިންޑިއާގެ ރައްޔިތުންގެ ތެރެއިން މީހަކުވެސް ވައިރަހަށް ޕޮޒިޓިވް ނުވާކަމަށެވެ. އަދި ހުރިހާއެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ވުހާންއިން ނެރެގެން ގެނައި މީހުން ވައިރަހަށް ނެގަޓިވް ވިނަމަވެސް އެމީހުން ކަަރަންޓީނުން ދޫކޮށްލާނީ 14 ދުވަހުގެ މުއްދަތު ހަމަވުމުން ކަމުގައި މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސް އާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ކޮރޯނާ ވައިރަހާއި ދެކޮޅަށް ދިވެހި އަސްކަރިއްޔާއިން މަސައްކަތްކުރުމުގައި އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އިންޑިއާ އަސްކަރިއްޔާއިން ވަމުން އަންނަ ތައްޔާރީތައްވެސް ބައްލަވާ ލައްވާފައި ވާކަމަށެވެ.

އަދި ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް މީހަކު ފެނިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތާއި އިންޑިއާއިން ފޯރުކޮށްދޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރެވުނު ކަމަށެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ވުހާންއިން ނެރެގެން ގެނައި 7 ދިވެހިންގެ ހާލު ދިވެހި ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާކަމުގައެވެ.

ވުހާންއިން ނެރެގެން ދިއްލީއަށް ގެނައި 7 ދިވެހިންގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި ފިރިހެނެއްގެ އިތުރުން ފަސް އަންހެނުންނެވެ.

އެމީހުން ދިއްލީއަށް ގެނައީ މި ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ.