ޚަބަރު

އޭޝިއާ ޕެސިފިކް މީޑިއާ ސަމިޓްގެ ސަބް ފޯރަމްތައް ފަށައިފި


  • ފޯރަމް ކުރިއަށްދަނީ ޗައިނާގައި

  • އޭޝިއާ ޕެސިފިކް ސަރަހައްދުގެ މީޑިއާތަކުން ބައިވެރިވޭ

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ހަރަކާތްތައް ފަށައިފިއެވެ. އެގޮތުން އެންމެ ފުރަތަމަ ބާއްވާފައިވަނީ ސަބް ފޯރަމްތަކެވެ.

މިއަހަރުގެ އޭޝިއާ ޕެސިފިކް މީޑިއާ ސަމިޓް ކުރިއަށްދާނީ މިމަހުގެ 3 އިން 5 އަކަށް ޗައިނާގައެވެ. އޭޝިއާ ފެސިފިކް މީޑިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 5ވަނަ ދުވަހުއެވެ. އޭގެކުރިން ސަބް ފޯރަމްތައް މިވަނީ ފަށާފައެވެ.

މި ފޯރަމްތައް އޮންނާނީ ޗައިނާގެ ގޮންޖޯރ، ޓޮންގްއަން، އަދި ޖުހާއީގައެވެ. ގޮންޖޯގައި ކުރިއަށްދިޔަ ސަބް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބްއާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ގުއަންޖޯ ސަބް ފޯރަމްގައި 2 ޕެނަލް ޑިސްކަޝަންއެއް ވަނީ ބާއްވާފައެވެ. މި ފެނަލް ޑިސްކަޝަންތަކުގައިގައި މަޝްވަރާކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސިނާއީ އެއްބާރުލުމަށް ގުޅުންތައް ބަދަހިކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސްއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ތަރައްގީގެ އައު ބާރަކަށް ހެދުމާއި ގުޅޭގޮތުންނެވެ. މި ޕެނަލް ޑިސްކަޝަންގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ސަބް ފޯރަމްތައް ރާވާފައިވަނީ މި ސަރަހައްދުތަކުގައި ހުންނަ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ މުހިންމު އެކި ތަންތަނަށް ޒިޔާރަތްކޮށް ބައިވެރިންނަށް ތަފާތު ތަޖުރިބާ ހާސިލްކުރެވޭނެގޮތަށެވެ.  

މި ސަމިޓް އިންތިޒާމްކުރަނީ ސެންޓްރަލް ޕްރޮޕެގެންޑާ ޑިޕާޓްމަންޓާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއަންޑޮންގް ޕްރޮވިންޝަލް ގަވަރްމަންޓް ގުޅިގެންނެވެ.

މިއަހަރުގެ އޭޝިއާ ޕެސިފިކް މީޑިއާ ސަމިޓްގެ ޝިއާރަކީ "އޭޝިއާ ޕެސިފިކް މުޖްތަމައުގެ ކުރިއެރުމާއި ކާމިޔާބީއަށް މީޑިއާތަކުން އެއް ކަންތައްތަކަކަށް އެއްބަސްވެ އަމަލުން އެކަންކަމަށް މަގުކޮށުން" ނުވަތަ " ބިލްޑިންގ ދަ ރޯޑް ޓު ޕްރޮސްޕަރިޓީ އޮފް ދަ އޭޝިއާ ޕެސިފިކް ކޮމިއުނިޓީ ތުރޫ މީޑިއާ ކޮންސެންސަސް އެންޑް އެކްޝަން" މިއެވެ.

މިއަހަރުގެ އޭޝިއާ ޕެސިފިކް މީޑިއާ ސަމިޓްގައި އޭޝިއާ އަދި ފެސިފިކް ސަރަހައްދުގެ 42 ޤައުމެއްގެ ގައުމެއްގެ 220 މީޑިއާއަކުންބައިވެރިވެއެވެ. މިގޮތުން ބައިނަލްއަޤްވާމީ މީޑިއާ ކުންފުނިތަކާއި މީޑިއާ ދާއިރާއަށް ޚާއްސަ ޔުނިވަރސިޓީތަކާއި، ސަރުކާރުތަކުގެ މުވައްސަސާތަކާއި، އދ. ގެ އެޖެންސީތައް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތައް ތަމްސީލުކުރާ 400 އަށްވުރެ ގިނަ މަންދޫބުން މިއަހަރުގެ ސަމިޓްގައި ބައިވެރިވެއެވެ..