ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) ކޮންޓްރޯލްކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުމުގެ ގޮތުން، ބޮޑެތި ގަސްތަކަށް ބޭސްޖަހާ 25 ސްޕްރޭޔަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވައިފިއެވެ.
މި ސްޕްރެޔަރުތަކަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއާއި، ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު 6 އޮގަސްޓު 2024 ގައި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، ރާއްޖެއަށް ލިބުނު ސްޕްރޭޔަރުތަކެކެވެ. މި އެމްއޯޔޫގެ ދަށުން، 25 ސްޕްރެޔަރުގެ އިތުރުން، 100,000 ޔުއާންގެ ހިލޭ އެހީވެސް ރާއްޖެއަށް ލިބިފައިވެއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅާ ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާއެވެ. އެހެންކަމުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން މިހާރުވަނީ، އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކަށް މި ތަކެތި ހަވާލުކޮށްފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި، ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމުގެ މަގުސަދުގައެވެ.
މި ޕްރޮގުރާމުގެ ދަށުން ޙަވާލުކުރާ ސްޕްރޭޔަރު، އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި ބޭނުންވެއްޖެ ހިނދެއްގައި، އެރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ސިޓީ ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ ޒިންމާއެކެވެ. މީގެ އިތުރުން އެރަށްތަކުގެ ކައުންސިލްތަކާ މި މަޢުލޫމާތު ހިއްސާކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީވެސް އެއިދާރާތަކުގެ ޒިންމާއެކެވެ.
* ހއ. ދިއްދޫ
* ހދ. ކުޅުދުއްފުށި
* ށ. ފުނަދޫ
* ނ. މަނަދޫ
* ރ. އުނގޫފާރު
* ބ. އޭދަފުށި
* ޅ. ނައިފަރު
* ކ. ތުލުސްދޫ
* އއ. ރަސްދޫ
* އދ. މަހިނބަދޫ
* ވ. ފެލިދޫ
* މ. މުލި
* ފ. ނިލަންދޫ
* ދ. ކުޑަހުވަދޫ
* ތ. ވޭމަންޑޫ
* ލ. ފޮނަދޫ
* ގއ. ވިލިނގިލި
* ގދ. ތިނަދޫ
* ޏ. ފުވައްމުލައް
* ސ. ހިތަދޫ
ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑިފަދަ ސޫފާސޫފި ނައްތާލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަށްރަށުން އެދޭ ނިސްބަތް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. އެއާއިއެކު، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ރަށްރަށުގައި މިފަދަ ވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން، ޗައިނާއާއެކު ގާއިމުކުރެވުނު މި ގުޅުމުގެ ސަބަބުން އަތޮޅުތަކުގެ ކައުންސިލްތަކަށް ލިބިގެންދިޔަ މި ވަސީލަތްތަކާއެކު، ރަށްރަށުގެ ޕެސްޓު ކޮންޓްރޯލް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އާންމު ސިއްހަތާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.