ޚަބަރު

ތައިލެންޑުން ދިވެހިންނަށް ވިސާގެ ލުއިތަކެއް


  • ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15އިން ފެށިގެން

  • ދިވެހިންނަށް ތައިލެންޑުގައި ވިސާއާ ނުލައި 30 ދުވަހު ތިބެވޭނެ

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މި މަހުގެ 15 އިން ފެށިގެން ލުއިތަކެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތައިލެންޑުގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް އޮގަސްޓު 31 ގައި ރަސްމީކޮށް ގެޒެޓްކޮށްފައިވާ ކަމަށެވެ. އެ ޤައުމުން ވިސާގެ ލުއިތައް ދޭން ނިންމައި މިދިޔަ ޖުލައި މަހު ބުނެފައިވަނީ ނިންމުންތައް ގެޒެޓް ކުރާތާ 15 ދުވަހަށްފަހު އެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރެވޭނެ ކަމަށެވެ.

2024ވަނަ އަހަރު ތައިލެންޑުން ތައާރަފުކުރި ވިސާ ނެތި 60 ދުވަހަށް މަޑު ކުރެވޭނެ އުސޫލު ވަރުގަދަކޮށް ބައެއް ގައުމުތަކަށް 15 ދުވަސް އަދި ބައެއް ގައުމުތަކަށް 30 ދުވަހަށް ވިސާއާ ނުލާ އެޤައުމުގައި ތިބެވޭ ގޮތަށް އެ ޤައުމުން ވަނީ ނިންމާފައެވެ. މިއީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާތީ އެ ޤައުމުން އެޅި ފިޔަވަޅެކެވެ. އެގޮތުން، 93 ޤައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު އެ ޤައުމުން 15 ދުވަހަށް ކުޑަކުރިއެވެ.

އެ ޤައުމުގެ މި ނިންމުމާ ގުޅިގެން މިއަހަރުގެ ޖޫން މަހުގެ 29ވަނަ ދުވަހު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، އެކަމާގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްވަރާތަކަށްފަހު ވިސާގެ މުއްދަތު މުރާޖާކޮށް ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑުގައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް ނިންމެވި ކަމަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ މަންޒިލެކެވެ. އެ ޤައުމުން ވިސާއާ ގުޅިގެން ގެނައި ބަދަލުތަކާއެކު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އެ ޤައުމުގައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެއެވެ.