ޚަބަރު

ނާއިބު ރައީސް އައްޑޫ ސިޓީގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި


ނާއިބް ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނާއިބް ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ނާއިބް ރައީސްގެ މިދަތުރުފުޅަކީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވައި ލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ނާއިބް ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ހޫޅުމީދޫއަށެވެ. އެމަނިކުފާނު ވަނީ ހުޅުމީދޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވައި އެ މަޝްރޫޢުގެ މަސައްކަތުގެ ތަފްސީލް އޮޅުންފިލުއްވާފައެވެ. މިމަޝްރޫޢު ކުރިއަށްދާ ގޮތް ބެއްލެވުމަށް ފަހު ނާއިބް ރައީސް ވަނީ ހުޅުމީދޫގެ ސިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު އޮޅުން ފިލުއްވާފައެވެ.

ހުޅުމީދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނާއިބް ރައީސް ވަނީ އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގެން އައްޑޫ ހައިސްކޫލަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ދަރިވަރުންނާއި ޓީޗަރުންނާއި ބައްދަލު ކުރައްވާ ނަތީޖާ ރަނގަޅު ކުރުމަށް ދަރިވަރުންނަށް ހިއްވަރު ދެއްވާ ޓީޗަރުންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވާ އައްޑޫ ސިޓީގައި މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ހިތަދޫގެ ދެކުނު ދައިރާގެ ނަރުދަމާ މަޝްރޫޢު ކުރިއަށްދާގޮތާއި އައްޑޫ ސިޓީގައި ހިނގާ ސަރަހައްދީ އިންޖީނުގޭގެ ހާލަތުވެސް ނާއިބް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމުގެ ކުރިން ނާއިބް ރައީސް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން ބަލި މީހުންނަށް ޒިޔާރަތް ކުރައްވާ ހާލު ބައްލަވާލައްވާފައެވެ. އަދި އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތްވެސް ނާއިބް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނާއިބް ރައީސް މިވާހު ވަނީ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ ކައުންސިލާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލައްވައި އެ ސިޓީގެ ބައެއް މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނާއިބް ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އާއި އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަންވެސް ބައިވެރިވެވަޑައިގަންނަވައެވެ.