މުނިފޫހިފިލުވުން

މިނިވަން 50 ގެ ހަރަކާތްތަކެއް ހއ ދިއްދޫގައި ކުރިއަށް ގެންގޮސްފި


ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހއ. ދިއްދޫ
ގައި ޚާއްސަ ހަރަކާތް ތަކެއް ކުރިއަށް ގެންގޮސްފިއެވެ.



މި ހަރަކާތް ތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ވަނީ "ރަން ޔޫބީލް ދިއްދޫ"ގެ
ނަމުގައި އެރަށު ދެކުނު ކޮޅު ސްޓޭޖްގައި އޮލިމްޕިއަންސްގެ މިއުޒިކް ޝޯއެއް
ބާއްވާފައެވެ. މި ޝޯގައި އޮލިމްޕިއަންސްގެ އިހުގެ ތަރިންގެ އިތުރުން މިހާރުގެ
މަޝްހޫރު ބައެއް ލަވަކިއުންތެރިންވެސް ވަނީ ހުށައެޅުން ތައް ހުށައަޅާ ދީފައެވެ. 

މީގެ އިތުރުން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއްވެސް ދިއްދޫގައި ވަނީ
ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ހއ. އަތޮޅުގެ އެހެން ރަށް
ރަށުގެ ރައްޔިތުންނަށް ޚާއްސަކޮއްގެން މިރޭވެސް ދިއްދޫގައި މިއުޒިކް ޝޯއަކާއި
ބަޑިބޭހުގެ ކުޅިވަރު ކުރިއަށް ގެންދާނެކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން
މަޢުލޫމާތު ދެއެވެ. އެގޮތުން އަތޮޅުގެ އެހެނިހެން ރަށްތަކުން މީހުން ދިއްދުއަށް
ގެނައުމުގެ އިންތިޒާމް ކައުންސިލްތަކާއި ގުޅިގެން ހަމަޖައްސާފައިވާ ކަމަށް
އެފަރާތުން މަޢުލޫމާތުދެއެވެ. 

މިނިވަން ފަންސާސް ފާހަގަކުރުމުގެ ހަރަކާތްތަކެއް
ދިއްދޫގައި ކުރިއަށް ގެންދަނީ ހޯމްމިނިސްޓްރީގެ އިތުރުން ދިއްދޫ ދާއިރާގެ މަޖިލީސް
މެމްބަރު އަބްދުއް ލަތީފް މުހައްމަދާއި އެންސީއޭ އާއި ދިއްދޫގެ ކްލަބް ޖަމިއްޔާތަކާއި
ދިއްދޫ ކައުންސިލާއި ހއ. އަތޮޅު ކައުންސިލް ގުޅިގެންނެވެ.