ޚަބަރު

އެމްއެމްއޭ ރިސަރޗް ގްރާންޓަށް އެދުމަށް ހުޅުވާލައިފި


  • މި ގްރާންޓަށް ކަޑައަޅާފައިވާ ޖުމްލަ އަދަދަކީ 5 މިލިއަން ރުފިޔާ

  • މިދިޔަ އަހަރު މި ފަންޑުގެ ދަށުން 6 ރިސަރޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވޭ

އެމްއެމްއޭ ރިސަރޗް ފަންޑުގެ މި އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ރިސަރޗް ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މި ގްރާންޓަށް ކަޑައަޅާފައިވާ ޖުމްލަ އަދަދަކީ 5 މިލިއަން ރުފިޔާއެވެ.

މި ގްރާންޓްތަކުގެ މަޤްސަދަކީ ޢިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި، ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.

މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކާއި ތިންކު ޓޭންކުތަކަށް ކުރިމަތިލޭވޭނެއެވެ. އެމްއެމްއޭއިން ހާމަކުރާގޮތުގައި، މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރުދަކަށް ވާންޖެހެއެވެ. އަދި ޕީއެޗްޑީ އޮންނަ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ހިތްވަރުދެއެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި ރިސަރޗް ގްރާންޓްގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. ނަމަވެސް، އެހެން ދާއިރާތަކުން ވެސް ރިސަރޗް ގްރާންޓަށް ކުރިމަތިލެވޭނެއެވެ.

އެމްއެމްއޭއިން ފާހަގަކޮށްފައިވާ ބައެއް ދާއިރާތަކަކީ:

•އިޤްތިޞާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، އަދި އިންފްލޭޝަން ޑައިނަމިކްސް
•މާލީ ދާއިރާގެ ވިލުންވެރިކަން، ގާނޫނުތަކާއި، އީޖާދުތައް
•ޑިޖިޓަލައިޒޭޝަން، ފިންޓެކް، އަދި މާލީ ބައިވެރިވުން
•ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދު
•އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ
•ވަޒީފާގެ ބާޒާރާއި ތަޢުލީމީ ދާއިރާ
•ބޯހިޔާވަހިކަމާއި، އަރބަން ޑިވެލޮޕްމަންޓް އަދި ސްޕޭޝިއަލް އިކޮނޮމިކްސް
•ސިއްޙީ ދާއިރާ، ދައުލަތުގެ ޚަރަދު، އަދި އިޖްތިމާއި ރައްކާތެރިކަން

އެމްއެމްއޭގެ ރިސަރޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އޮތޯރިޓީގެ ރިސަރޗް ކޮންފަރެންސްގައި އިފްތިތާޙް ކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު ހުޅުވާލާފައި ވަނީ 2025 ވަނަ އަހަރެވެ. މިގޮތުން، 2025 ވަނަ އަހަރު މި ފަންޑުގެ ދަށުން 6 ރިސަރޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވެއެވެ.

އެމްއެމްއޭގެ ރިސަރޗް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު 13 އޮކްޓޫބަރު 2026އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ރިސަރޗް ފަންޑަށް ކުރިމަތިލާނީ އެމްއެމްއޭ ރީސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.