ޚަބަރު

އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން


  • 800 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވޭ

  • 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026ގައި ބައިވެރި ކުރުމަށް 6000އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރ ކޮށްފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން ވިދާޅުވެއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ މަޢުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރކުރި އުފެއްދުންތަކާ އަޅައިބަލާއިރު 2000އަށްވުރެ ގިނަ އަދަދެކެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަކަޒީ ދިވެހި ވިޔަފާރިވެރިންނާއި، އުފެއްދުންތެރިންގެ މުދާ އިޝްތިހާރުކޮށް، މާކެޓް ފުޅާކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.

ބީސީސީން ވަނީ މަޢުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރ ކޮށްފައިވާ އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމުގެ ފުރުޞަތު މި ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އެކޯޕަރޭޝަނުން ވަނީ އެންމެ ފަހު ދުވަހަހަށް މަޑު ނުކޮށް އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމަށް އިލްތިމާސް ކޮށްފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026ގައި ބައިވެރި ވުމަށް 800 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މަޢުރަޒާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މައުރަޒުގައި 6000 އަށްވުރެ ގިނަ އުފެއްދުން ބައިވެރި ކުރުމަށް ރަޖިސްޓަރ ކޮށްފައި ވުމަކީ މި މަޢުރަޒަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ބީސީސީއިން ވިދާޅުވިއެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތަކާއި، ޚިދުމަތްތަކުގެ އިތުރުން އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.

މީގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކާއި، އެހެނިހެން ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.މި މައުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. މި މައުރަޒު ކުރިއަށް ގެންދަނީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރި ވުމުގެ ފުރުޞަތު ފަހިވާ ގޮތަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން 2 ނޮވެމްބަރ އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ މަޢުރަޒުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ އެކި ހަރަކާތްތަކާއި، ބޮޑުބެރާއި ދިވެހި ސަޤާފީ އެކި ކުޅިވަރުތައް ވެސް ހިމެނޭ ގޮތަށެވެ.

2026 ވަނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވުމާއެކު، ބީސީސީގެ އަމާޒަކީ މިއަހަރުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި މާކެޓް ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ. މި މަޢުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.