އެފްއޭއެމްގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބާކީކޮށް ޔޫތު ޗެމްޕިއަންޝިޕްގެ ގުރު ނަގައިފިއެވެ.
ނިއުރޭޑިއަންޓް މުބާރާތުގައި ބައިވެރި ކޮށްފައިނުވާތީ މުބާރާތުގައި ކުޅޭނީ އަށް ޓީމެވެ. 
8 ޓީމު ދެ ގްރޫޕަކަށް ބަހާލިއިރު ގްރޫޕް އޭ ގައި ހިމެނުނީ ޓީސީ ސްޕޯޓްސް ކްލަބާއި، ށ. ފޯކައިދޫ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އެވެ. 
ގްރޫޕް ބީ ގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުލަބު ގްރީން ސްޓްރީޓްސް އާއި، ފައިނަލުން ބަލިވި ކްލަބް އީގަލްސް އާއި މާޒިޔާ އަދި ބ. އޭދަފުށްޓެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. 
ޒުވާން ކުޅުންތެރިން އުފެއްދުމަށް 2011 ވަނަ އަހަރުން ފެށި މި މުބާރާތަކީ އެފްއޭއެމުން ކުރިއަށްގެންދާ ކާމިޔާބު މުބާރާތެކެވެ. 
ވޭތުވެދިޔަ 8 އަހަރުތެރޭ މި މުބާރާތް ބާއްވާފައިނުވަނީ 2015 ވަނަ އަހަރުއެވެ. އެފްއޭއެމުން މިހާރު ވަނީ ކޮންމެ ދެ އަހަރަކުން މި މުބާރާތް 21 އަހަރުން ދަށަށް ބާއްވާގޮތަށް ނިންމައިފައެވެ. 
މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ހާއްސަކުރިއިރު މި އަހަރުގެ މުބާރާތުގައި ކުޅޭނީ 21 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.