ޚަބަރު

އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަންފަށައިފި


އައްޑޫސިޓީގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވުމާގުޅިގެން، ކަމާއި ބެހޭ ފަރާތްތަކުން އެމައްސަލަ ބަލަން ފަށައިފިއެވެ.

މީސްމީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އުމުރުން ދުވަސްވީ މީހަކާއި މެދުއުމުރުގެ މީހަކާދެމެދު ދިޔައީ ހޫނު ޒުވާބެއް ކުރެވެމުންނެވެ. ނަމަވެސް ވަކި ހިސާބަކުން ޒުވާބު އިތުރަށް ހޫނުވެ ދެމީހުންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގިއެވެ.

އެމައްސަލަ ބަލައި ދިނުނުމަށް އެދި ގިނަ ބަޔަކުވަނީ މީސް މީޑިއާގައި އަޑުއުފުލާފައެވެ. މައްސަލަ ބަލައި ދިނުމަށް އެދި ކޮއްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ، މިމައްސަލަ އައްޑޫސިޓީ ޕޮލިސް އިން ތަހުޤީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެކްޓިންގް ކޮމިޝަނަރ އޮފ ޕޮލިސް މުހައްމަދު ހަމީދުގެ ޓްވީޓު

ޕީއެސްއެމް އަށް އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ހިތަދޫ ހޮޓަލެއްގެ ތެރޭގައިއެވެ. އަދި މިހާދިސާގައި ހިމެނޭ ދުވަސްވީ މީހާއަކީ، ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމަށް މަޢުލޫމާތުލިބެއެވެ.

މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އުމުރުން ދުވަސްވީ، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަ ކަންކަމަކީ އެއްވެސް ގޮތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫންނެވެ. އަދި މިނިސްޓަރ ވަނީ މިކަމަކީ މިއީ އަނިޔާވެރި އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މިމައްސަލައިގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓް