ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ ގޯލް ކީޕަރ އިންސްޓްރަކްޓަރސް ޓްރެއިނިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލާއިފިއެވެ. 
މިމަހުގެ ވިހިން ސައުހީވުގެ ނިޔަލަށް މާލޭގައި ކުރިޔަށްގެންދިޔަ މި ކޯހުގައި 30 ކީޕަރުން ވަނީ ބައިވެރިވެފައެވެ. 
ކޯސް ނިންމުމުގެ ގޮތުން އެފް.އޭ.އެފް ހައުސްގައި ރޭ ބޭއްވި ރަސްމީޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްވަނީ ހަވާލުކޮށްފައެވެ. މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައިވަނީ އޭ.އެފް.ސީ ގެ ގޯލްކީޕަރ އިންސްޓްރަކްޓަރ ޖަލާލް ބައްޝާރާދެވެ. 
ގޯލްކީޕަރުން ތަމްރީނުކުރަމަށް އެންމެފަހުން ކޯހެއް ހިންގާފަވަނީ މީގެ 13 އަހަރު ކުރިންނެވެ. މިއީ އެއަށްފަހު ކުރިޔަށްގެންދިޔަ ދެވަނަ ކޯހެވެ. 
ކޯހުގެ ބައެއް ބައިވެރިން ބުނީ، މި ކޯހަކީ ކީޕަރުންނަށް ވަރަށް މުހިންމު ކޯހެއް ކަމަށާއި، ކުރިޔަށް އޮތްތަނުގައި މި ކޯހުގެ މުހިންމުކަން ފެންނާނެކަމަށެވެ. އަދި މި ކޯހުން ގިނަ އާ ކަންތައްތަކެއް ދަސްވެއްޖެކަންވެސް ބައިވެރިން ފާހަގަކުރިއެވެ.
އެފް.އޭ.އެމުން އިންތިޒާމްކޮށްގެން މިފަދަ ކޯހެއް ކުރިޔަށްގެންދިޔަ އިރު، މިއަންނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުންނަށް ރާއްޖޭގެ ކުލަބުތަކަށް ނުކުޅެވޭ ގޮތަށް ވަނީ ނިންމާފައެވެ. 
ގޯލްކީޕަރުންނަށް ޚާއްސަ އެކަޑެމީއެއް އުފައްދާނެކަމަށް މިދިޔަ އަހަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ވިދާޅުވެފައެވެ. އަދި މިއަންނަ އަހަރުގެ ފަހުން ރާއްޖޭގެ ހުރިހާ ކުލަބަކަށްވެސް ދިވެހި ކީޕަރުން ހޯދައިދިނުމަށް ކީޕަރުން ތަމްރީންކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށްވެސް ބައްސާމްވަނީ ވިދާޅުވެފައެވެ.