ޚަބަރު

ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ތަޢާރަފްކުރަނީ


ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް އައްޑޫސިޓީގައި ފެށުމަށް ފުލުހުން އައްޑޫސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ މަސައްކަތް އައްޑޫގައި ކުރިއަށްގެންދާނެ ގޮތާއި، އާންމުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގައި އަމަލު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ފުލުހުންނާ އައްޑޫ ސިޓީ ކައުންސިލުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އައްޑޫސިޓީ އަމާންތަނެއްގެ ގޮތުގައި ހެދުމަށް ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ސަރުކާރުގެ އެހެން މުއައްސަސާތަކާއި އޮންނަ ގުޅުން ހަރުދަނާކޮށް، އެއްބާރުލުންދީގެން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް އައްޑޫގައި ޤާއިމުކުރުމަށް ވޯކްޝޮޕެއް އައްޑޫގައި ރާވައި ހިންގުމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤެވެ. އަދި ފުލުހުންގެ ފަރާތުން ޑިވިޜަނަލް ކޮމާންޑްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

މިމަހު 17 ވަނަ ދުވަހު، މާލޭގައި ތަޢާރަފްކުރި ފުލުހުންގެ ނެއިބާރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދަތް ދިނުމަށްޓަކައި ފެށި ޚިދުމަތެކެވެ. އެގޮތުން ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާ އެކިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މި ޚިދުމަތުގެ ދަށުން ކޮންމެ ނެއިބަރހުޑެއްގައި ހުންނަ ފުލުހުންގެ އިސް އޮފިސަރުގެ ނަމާއި ފޯން ނަންބަރު އެ ސަރަހައްދެއްގައި އުޅޭ ބަޔަކާ ޙިއްޞާ ކުރެވި، ނެއިބާރހުޑް އޮފިސަރުން މަސައްކަތް ކުރާގޮތް އާމުންނާ ޙިއްޞާ ކުރެވޭނެއެވެ.