ޚަބަރު

އޮސްޓްރޭލިއާ ދަރިވަރުންތަކެއް ނުކުމެ އައްޑޫ ސިޓީ ސާފުކޮށްފި


އޮސްޓްރޭލިއާގެ ދަރިވަރުންތަކެއް އިސްނަގައިގެން އައްޑޫސިޓީގައި ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ސާފުކުރުމުގެ މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ "އެންޓިޕޯޑިއަންސް" ޖަމިއްޔާގެ ފަރާތުން އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާރސިޓީގެ ސްޕޯޓްސް ސައިންސްގެ ޕްރެކްޓިކަލްތަކަށް އައްޑޫ ސިޓީއަށް ގޮސް އުޅޭ ދަރިވަރުންނެވެ.

"ސައުފުތާހެރި އައްޑޫސިޓީ" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އޮސްޓްރޭލިއާގެ ދަރިވަރުންގެ އިތުރުން އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ބައެއް އާންމުންވެސް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ސާފު ކޮށްފައިވަނީ ހިތަދޫ ގޮނޑުދޮށެވެ.

އެންޓިޕޯޑިއަންސް ޖަމިއްޔާއިން ބުނީ މިހަރަކާތަކީ އައްޑޫގައި އުޅެމުންދާ އޮސްޓްރޭލިއާގެ ދަރިވަރުން، އެކުދިން ދިރިއުޅެމުންދާ ސަރަހައްދުގެ ގޮނޑުދޮށް ސާފުކުރުމަށް ރައްޔިތުންނާއި ގުޅިގެން ހަރަކާތެއް ހިންގުމަށް އެދިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

އެންޓިޕޯޑިއަންސް އަކީ އޮސްޓްރޭލިއާގެ ހައިސްކޫލް އަދި ޔުނިވާރސިޓީ ދަރިވަރުން ބޭރު ޤައުމުތަކުގައި އެކުދިން ކިޔަވާ މާއްދާތަކަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ހޯދައިދޭ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން ދުނިޔޭގެ 30 ސަރަހައްދަކަށް ދަރިވަރުން ފޮނުވައެވެ.