ޚަބަރު

"މައި ސްޓޯރީ ވިތް ޗައިނާ" ގެ ނަމުގައި ޗައިނާ ދަތުރުގެ ތަޖުރިބާ ހިއްސާކޮށްފި


ދިވެހި ކިޔަވާކުދިން ޗައިނާގައިކުރި ތަޖުރިބާ ޙިއްޞާކުރުމަށް "މައި ސްޓޯރީ ވިތް ޗައިނާ" ގެ ނަމުގައި ޚާއްޞަ ފޯރަމެއް ބާއްވައިފިއެވެ.

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން، ސީއެމްސީއޭއިން އިންތިޒާމުކޮށްގެން "މައި ސްޓޯރީ ވިތް ޗައިނާ" ގެ ނަމުގައި ބޭއްވި މި ފޯރަމަކީ އެ ޖަމިއްޔާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ ދަށުން ޗައިނާއަށްދާ ކުދިންގެ ދަތުރުގެ ތަޖުރިބާ ޙިއްޞާ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބޭއްވި ފޯރަމެކެވެ.

އައްޑޫސިޓީ ޝަންގްރިލާ ވިލިންގިލި ރިސޯޓްގައި ބޭއްވި މި ފޯރަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސީއެމްސީއޭގެ ފައުންޑަރ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ މި ފޯރަމްގެ ތެރެއިން ޗައިނާއަށް ކުރި ދަތުރުތަކުގައި ބައިވެރިވި ކުދިން ޗައިނާގެ ސަޤާފަތާ ބޭހޭގޮތުން ދަސްވިކަންކަން ޗައިނާގެ އެމްބަސީއާ ޙިއްޞާކޮށްފައިވާކަމަށެވެ.

"މައިންބަފައިންގެ ވަރަށް ފުރިހަމަ ތަރުހީބެއް ލިބޭ، އަޅުގަނޑާވެސް އެމައިންބަފައިން ގުޅުން ބަހައްޓާ، އަޅުގަނޑުމެންގެ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމެއްގައި ބައިވެރިވެފައި ހުރި ކުއްޖަކީ އަޅުގަނޑުމެން ދުވަހަކުވެސް ދޫކޮށްލާނެ ކުއްޖެއް ނޫން. އެކުދިން ބޮޑުވަމުން އަންނަ ވަރަކަށް އަޅުގަނޑުމެން މެންޓަރ ކުރަމުން ދާނީ ތަޢުލީމަށާއި ހުރިހާ ކަމަކަށް ފައިދާ ވާގޮތަށް" މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ދެކުނުގެ އަތޮޅުތަކުން ސީއެމްސީއޭގެ ދަތުރުތަކުގައި މިހާތަނަށް 24 ކުދިން ޗައިނާއަށް ގޮސްފައިވާއިރު، އޭގެތެރެއިން 18 ކުދިންވަނީ މި ފޯރަމުގައި ބައިވެރިވެފައެވެ.

މިފަދަ ފޯރަމްތައް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ކިޔަވާކުދިންނަކީ ދުނިޔެއަށް ލޯހުޅުވިފައިވާ ބަޔަކަށްވުމަށް ވަރަށްބޮޑަށް އެހީވެދޭކަމަށެވެ. އަދި މިފަދަ އެކި ޕްރޮގްރާމްތައް ހިންގުމަށް ވަރަށްބޮޑަށް ބާރުއަޅާކަމަށް އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުދިންނަކީ، ދުނިޔެއަށް ލޯހުޅުވިފައިވާ މުޖްތަމައަށް ބޭނުންތެރި ސްކިލްސެޓްސްތަކާ އެކުގައި ނިކުމެ އަޅުގަނޑުމެންނަށް އަދި ހާއްސަކޮށް އަޅުގަނޑުމެން ކައިރިއަށް ދަތުރުކުރާ މެހެމާނުންނަށް، މެހެމާންދާރީ އަދާކުރުމުގަ އެމެހެމާނުންގެ ސަޤާފަތާއި، އެމެހެމާނުންގެ ޤައުމުތަކުގެ ކަންކަން ހިނގާގޮތް ދަސްވެފަ މުޖްތަމަޢަށް ނިކުންނަ ކުދިންނަށް ވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" ޑެޕިއުޓީ މޭޔަރ ޔަސްރިފް ވިދާޅުވިއެވެ.

މި ފޯރަމުގައި ޗައިނާ ސަފީރު ޒަންގް ލިޒޯންގާއި، އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރާއި، ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން، ބެލެނިވެރިންނާއި، ސްކޫލްތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މި ފޯރަމް ނިންމާލާފައިވަނީ ބައިވެރިންނާއި، ޗާއިނާ ސަފީރު އަދި ސީއެމްސީއޭއާއެކު ކުރިއަށްގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަނަކުންނެވެ.