ތަރައްްޤީ

ކިންގް ސަލްމާން މިސްކަތުގެ މަސައްކަތް އަންނައަހަރުގެ ކުރީކޮޅު ނިންމާލެވޭނެ - އަލްކޭ-ޓަރމެކްސް


ކިންގް ސަލްމާން މިސްކިތުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރ ތެރޭގައި ނިންމާ އެތަން ދިވެހި ސަރުކާރާ ހަވާލުކުރާނެކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ އަލްކޭ-ޓަރމެކްސް ކުންފުނިން ބުނެފިއެވެ.

ކާނިވާ ސަރަޙައްދުގައި ބިނާކުރާ މި މިސްކިތަކީ، ސަޢުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއާއި ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތަށް ބޭނުންވާ ފައުންޑޭޝަން އެޅުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން އަލްކޭ-ޓަރމެކްސް ކުންފުނީގެ ޓެކްނިކަލް އޮފީސް ޗީފް، ބާރިޝްޖާން ގޮގެބަކަން ވިދާޅުވީ، މިސްކިތަށް ބޭނުންވާ ހުރިހާ ކޮންކްރީޓް މަސައްކަތްތަކެއް މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާއިރު، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދަނީ މިސްކިތުގެ ރޫފިންގނާއި މުއްނާރުތަކަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިސްކިތުގެ ވަށައިގެން މާރބްލްސް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށާއި، އިންޓީރިއަރއަށް ބޭނުންވާ މަސައްކަތްތައްވެސް މިހާރު ފަށާފައިވާކަމަށެވެ. މިހާރު މަސައްކަތުގެ ސްޕީޑުހުރިގޮތަށް ބަލާނަމަ، މިސްކިތުގެ އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތް މުޅިން ނިންމައި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރ ތެރޭގައި އެ މިސްކިތް ދިވެހި ސަރުކާރާއި ހަވާލުކުރެވޭނެ ބާރިޝްޖާން ވިދާޅުވިއެވެ.

އަލްކޭ-ޓަރމެކްސްއިން ބުނީ ގާތްގަނޑަކަށް ކިންގް ސަލްމާން މިސްކިތް ބިނާކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ. މި މިސްކިތް އެންމެ ފުރަތަމަ ޑިޒައިންކޮށްފައިވާ ކޮންސެޕްޓަށް ކުދިކުދި ބަދަލުތަކެއް ގެނައިނަމަވެސް، މިތަން ވެގެންދާނީ ވެރިރަށް މާލޭގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެ ފަދަ ރާއްޖޭގެ އިސްލާމީ ވަޙުދަތު ދައްކުވައިދޭނެ ފުރިހަމަ ބިނާއަކަށެވެ. އެގޮތުން ޢަރަބިކް ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް މިސްކިތުގެ ފާރުތަކާއި، ތަނބުތަކުން ފެނިގެންދާނެއެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޙާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ޤާއިމުވެގެންދާނެ. އެގޮތުން އިސްލާމިކް ލައިބްރަރީއަކާއި، ސެމިނަރ ހޯލްތަކާއި، ކްލާސް ރޫމްތަކުގެ އިތުރުން އޮފީސް ޖާގައާއި، ބޮޑު އޮޑިޓޯރިއަމެއް ހުންނާނެ. އަދި މިސްކިތް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަކަށް ލިފްޓުވެސް ހަރުކޮށްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު މިސްކިތަށް ވަދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. 6 ފަންގިފިލާއަށް ބިނާ ކުރާ މި މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުރޭ. އަދި ނަމާދުކުރުމަށް ޙާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެ.