ތިލަމާލެ ބުރިޖުގެ %72 އަށްވުރެ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށާއި، ބުރިޖުގެ ކޮލިޓީގެ އެއްވެސް މައްސަލައެއް ނޫޅޭނެކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢަކީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢަކީ ތިލަމާލެ ބުރިޖު އެޅުމުގެ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވައި، މަސައްކަތުގެ ފެންވަރު ބައްލަވާލެއްވުމަށް، ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ވަނީ މިމަހުގެ 5 ވަނަ ދުވަހު ތިލަމާލެ ބުރިޖަށް ޒިޔާރަތްކޮށްފައެވެ.
ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތިލަމާލެ ބުރިޖުގެ ޖުމްލަ %72.17 މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބުރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ބުރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %86 ސެގްމަންޓު ކާސްޓުކޮށް ނިމިފައިވާކަމަށެވެ. އަދި އޭގެތެރެއިން %60 ސެގްމަންޓު އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ތިލަފުށީގައި ކުރިއަށް ދަނީ ބުރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި، ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތްތައްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢާ ގުޅޭގޮތުން ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ބުރިޖުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ނުހުއްޓި ކުރިއަށްދާކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރައްވަނީ އިންޑިއާ ސަރުކާރާ، މަޝްރޫޢުގެ ކޮންޓްރެކްޓަރާ ގުޅިގެން މަސައްކަތްކުރުމަށްކަމަށް ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖު މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވަނީ، 2027ގެ ނިޔަލަށް ބުރިޖު މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލުމަށްކަމަށެވެ.
"މިގޮތުން ބަލާކަމުގައި ވަންޏާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާ ހަމައަށް ގުޅާ ބުރިޖުގެ މަސައްކަތް ނިންމާލުން. މިހާރުވެސް ފެނިވަޑައިގަންނަވާނެ، ބުރިޖުގެ ބޮޑު ބުރަ މަސައްކަތުގެ ބޮޑުބައި މިހާރުމިވަނީ ނިމިފައި. އެހެންނަމަވެސް އަދިވެސް މަސައްކަތްތައް އެބަހުރި. އެހެންނަމަވެސް އުނދަގުލުގައި ކުރަންޖެހޭ މަސައްކަތްތައް މިހުރީ ނިމިފައި." ވަޒީރު ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ނިމުމާއެކު، ގްރޭޓަރ މާލެ އޭރިއާގައި ދިރިއުޅޭ ފަރާތްތަކަށް އިޤްތިސާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރު ޤަބޫލުކުރައްވައެވެ.
"އަޅުގަނޑުމެންގެ ޕޯޓް ތިލަފުއްޓަށް ބަދަލުކުރާއިރުގަ މާލެއާއި ކަނެކްޓްވީމަ އިޤްތިސާދީ ގޮތުން އެ ލިބޭ ފައިދާތަކާއި އެއާއެއްކޮށް ގުޅީފަޅާއި، އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއާއި ގުޅިގެން ދިޔައިމަ އެ ޚިދުމަތްތަކާއި ހުރިހާ ކަމެއް. ގްރޭޓާރ މާލެ އެއްވެފަ އެއް އާބާދީއެއްގެ ގޮތުގަ މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދާނެ. އަދި ބައިވަރު އިކޮނޮމިކް ސޯޝަލް ޑިވެލޮޕްމެންޓްސްތަކެއް އަންނާނެ." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މި މަޝްރޫޢުގެ މަސައްކަތްތައް ނިމިގެންދިއުމާއެކު މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.