ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގަ ހދ ނޭކުރެންދޫއަށް މުހިންމު މަޝްރޫޢުތަކެއް ހިމަނަން އެދިފައިވާނެ - އަނާރާ


ހދ ނޭކުރެންދޫގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢުއެއް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިދެއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފައިވާނޭކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒާ އަނާރާ ނަޢީމް ވިދާޅުވެއްޖެ އެވެ.

އަނާރާ ނައީމް މިހެން ވިދާޅުވީ ހދ އަތޮޅު ކައުންސިލާއި ނޭކުރަންދޫ ކައުންސިލް ގުޅިގެން ނޭކުރެންދޫގައި ޢިމާރާތްކުރި އެއްކޮޓަރީގެ އެޕާޓްމެންޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ޢަމާޒު ކުރަންވާނީ ރަށަށް ލިބެން ހުރި ކުރިއެރުންތަކަކީ ދެނެގަނެ، މަޝްރޫޢުތައް ރަށަށް ގެނައުމަށް ކަމަށެވެ. އަދި ނޭކުރެންދޫ އާބާދު ކުރެވޭނެ ގޮތްތައް ދެނެގަނެ ހިޖުރަ ކުރުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަން ކަމަށެވެ. ނޭކުރެންދޫއިން ފެންނަ ޢިމާރާތްތަކާއި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރައްޔިތުންގެ ބަދަހި ގުޅުންކަން ފާހަގަކުރައްވާ އަނާރާ ވިދާޅުވީ، ނޭކުރެންދޫއަށް ލިބޭ ކުރިއެރުމުގެ އަޞްލަކީ ރައްޔިތުންގެ ބުރަ މަސައްކަތް ކަމަށެވެ.

އަނާރާގެ ވާހަކަފުޅުގައި ހދ އަތޮޅު ކައުންސިލާއި ނޭކުރެންދޫ ކައުންސިލް ގުޅިގެން ނޭކުރެންދޫގައި އެޕާރޓްމަންޓް ތަރައްޤީ ކުރުމުގެ މަޝްރޫއެއް ފައްޓަވައިގެން ކުރިއަށް ގެންދާތީ އަތޮޅު ކައުންސިލަށް ޝުކުރު ދެންނެވިއެވެ. އަދި އެކަމަނާ މަސައްކަތް ކުރައްވާނީ އަލަށް އިންތިޚާބުވި ސަރުކަރާ ގުޅިގެން ކައުންސިލްތައް ބާރުވެރިކުރުމަށާއި ރަށްރަށަށް ތަރައްޤީ ހޯއްދަވައި ދެއްވުމަށްކަމުގައި ވިދާޅުވި އެވެ.

ނޭކުރެންދޫގައި ތަރައްޤިކުރި އެއް ކޮޓަރީގެ އެޕާޓްމަންޓަކީވެސް ރަށުކައުންސިލުގެ މާލިއްޔަތު އިތުރު ކުރުމަށް އަތޮޅު ކައުންސިލުން 175،000 ) ޚަރަދުކޮށްގެން ތަރައްޤީކުރި ޢިމާރާތެކެވެ.