ފްރެންޑް 4 ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން މިހާތަނަށް 7400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
ފްރެންޑް 4 ދޯނި ދިޔަވެ، އަޑިއަށްގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 3 މީހަކު ވަނީ ގެއްލިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އެ 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި މިހާތަނަށް ވައިގެމަގުން 6112 އަކަ ނޯޓިކަލް މޭލު، އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލްމޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައިނުވާކަމަށް ވިދާޅުވިއެވެ.
އަދާހަމަ:
— Maldives National Defence Force (@MNDF_Official) August 8, 2026
ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބެލިފަ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ. pic.twitter.com/N9rTBMETA1
ފުލުހުން ވިދާޅުވީ، 8 މީހުންނާއެކު ހުވަދުއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުދަދުވަހުގެ ރޭ 22:40 އެހައިކަންހާއިރުކަމަށެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.
މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.