ޚަބަރު

ހެނބަދޫއާއި ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި


  • ކެނދިކުޅުދޫ ޕާކު ހެދީ އާރްޑީސީއާ ހަވާލުކޮށްގެން

  • ހެނބަދޫ ޕާކުގެ މަސައްކަތް ކޮށްފައި ވަނީ ފެނަކައާ ހަވާލުކޮށްގެން

ނ. ހެނބަދޫއާއި އެއަތޮޅު ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ހެނބަދޫގައި ތަރައްޤީކުރި ޕާކު ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ކެނޑިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ޙުސައިންގެ އިތުރުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްއެވެ.

ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މިއީ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން، ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ފެނަކަޔާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ޕާކު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ހެނބަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.

ނ. ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްއެވެ.

ކެނދިކުޅުދޫ ކުޑަކުދިންގެ ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރ މުޙައްމަދު ޢަފޫ ޙާމިދާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ނަޡީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކަކީ، އެ ރަށުގެ ކުޑަކުދިންނަށް ކުޅިވަރުކުޅެ، ހިތްހަމަޖައްސާލުމަށް ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.