ޚަބަރު

އައްޑޫ ސިޓީގައި އަވަށު މަޝްވަރާ ކޮމެޓީތަކެއް އުފައްދަނީ


އައްޑޫސިޓީގައި އަވަށު މަޝްވަރާ ކޮމެޓީ ތަކެއް އުފައްދައި އެ ކޮމެޓީތަކުގެ ބައިވެރި ވުމުގެ ފުރުޞަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީގެ އަވަށްތަކުގައި މަޝްވަރާ ކޮމެޓީތަށް އުފައްދަން ނިންމީ، އައްޑޫ ސިޓީގައި އަވަށު ފެންވަރުގައި ބަސްވިކޭނެ ނިޒާމެއް އުފެއްދުމުގެ މަޤްސަދުގައި ކަމަށެވެ. މީގެ އިތުރުން ކައުންސިލުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދައި، ކައުންސިލުން ރަނގަޅު ކުރަންޖޭހޭ ކަމެއް އޮތްނަމަ އެކަމެއް ރަނގަޅު ކުރުމަށް މަގުފަހި ކުރުންވެސް މިކޮމެޓީތައް އުފެއްދުމުގެ މަޤްސަދުގައި ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ އިދާރީ ގޮތުން ވަނީ 6 އަަވަށަކަށް ބެހިފައެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، މީދޫ އަދި ހުޅުދޫއެވެ. މިއިން ކޮންމެ އަވަށެއްގައި އަވަށު މަޝްވަރާ ކޮމެޓީ އެއް އުފެއްދުމަށް ނިންމާފައި ވާއިރު، މިކޮމެޓީ ތަކުގައި މަދުވެގެން 7 މެންބަރުން ތިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. ކޮމެޓީ ތަކަށް މެންބަރުން ނެގުމުގައި 5 ދާއިރާއަކަށް މައިގަނޑު ބަލާނެއެވެ. އެއީ އިޤްތިސާދީ، ސިއްޙަތާއި މުޖްތަމަޢު، ތައުލީމީ، ތިމާވެށި އަދި އުމްރާނީ ތަރައްޤީ، މި 5 ދައިރާއިންނެވެ.

އައްޑޫސިޓީ ކައުންސިލުން މިކޮމެޓީތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މިހަފުތާގެ ބުރާސްފަތި ދުވަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.