ޚަބަރު

އައްޑޫ ސިޓީގައި ހިންގި އެޑްވާންސް ޕޭސްޓްރީ ކޯސް ނިންމާލައިފި


އައްޑޫސިޓީ ކައުންސިލާއި އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމެޓީ ގުޅިގެން އައްޑޫ ސިޓީގައި އެޑްވާންސް ޕޭސްޓްރީ ކޯހެއް ހިންގައިފިއެވެ.

މިމަހުގެ 22 އިން 29 އަށް އެފް އެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކެރޭޝަން އެންޑް އާރޓްގައި ކުރިއަށް ގެންދިޔަ މިކޯހަކީ އަންހެނުން ބާރުވެރިކޮށް، ހުނަރުވެރި ބަޔަކަށް ހަދާ، ޢާމްދަނީ ހޯދުމަށް މަގުފަހިކޮށް ދިނުމުގެ މަޤްޞަދުގައި ހިންގި ކޯހެއް ކަމަށް ވިމެންސް ޑިވެމްޕްމެންޓް ކޮމެޓީ (ޑަބްލިއު.ޑީ.ސީ) އިން ބުނެއެވެ. މި ކޯހުގައި ޖުމްލަ 45 އަންހެނުން ބައިވެރިވިއެވެ.

މިކޯހުގެ ބައިވެރިންނަށް ކިޔަވައި ދިނީ މި ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ އެފް.އެސް ކޭކް ޑެކެރޭޝަންސް އެންޑް އާރޓްސްގެ ފައުންޑަރ ފާތިމަތު ޝީރީނެވެ. ޑަބްލިއު.ޑީ.ސީ ގެ ރައީސާ ވިދާޅުވީ މިފަދަ ކޯހެއްގެ ސަބަބުން އަންހެނުންނަށް ފާއިދާ ކޮށް ކުރިއަށް ދެވޭނެ އިތުރު ދޮރު ތަކެއް ހުޅުވިގެން ދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން މިފަދަ ތަފާތު ގިނަ ކޯސްތައް ހިންގައެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދަބަސް ފަހަން ދަސްކޮށްދޭ ކޯހެއް ހިންގާ ކަން ފާހަގަ ކުރެވެއެވެ.