ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ ޚިދުމަތްދޭން ތައްޔާރުވަނީ


ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ހުޅުވައި ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތްދޭން ފަށާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ޙަސަން ވިދާޅުވީ މިދިޔަ ރަމަޟާންމަހުގެ ކުރިން މާރުކޭޓުގެ އިމާރާތް ނިމުނު ނަމަވެސް ޚިދުމަތް ނުދެވި ލަސްވީ ހަދަންޖެހޭ ޤަވާއިދުތަށް ނުހެދިވާތީ ކަމަށެވެ. އަދި އެޤަވާއިދުތަށް ނިންމައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާރުކޭޓްގެ ހިދުމަތް ދޭން ފެށުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"
"ރޯދައިގެ ކުރިން އިމާރާތް ނިމުނު ކަމުގައިވިއަސް ހަދަންޖެހޭ ޤަވާއިދުތަކެއް ނުހެދިގެން ޚިދުމަތް ދިނުން ލަސްވެގެން މިދިޔައީ. އެހެންނަމަވެސް މިކަންކަން ނިންމާ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް މި ބަލަނީ"
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އިމާރާތް ކޮށްފައިވަނީ ކުޅުދުއްފުށީ ބަންޑާރަމަގުގައެވެ. 3 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިއިމާރާތުގެ ދިގުމިނުގައި 104 ފޫޓް އަދި ފުޅާމިނުގައި 62 ފޫޓު ހުރެއެވެ. މި މާރުކޭޓުގައި އޮފީހަކާއި ސެކިއުރިޓީ ރޫމެއްގެ އިތުރުން ދަނޑުވެރިން ތަކެތި ވިއްކުމަށް 32 ގޮޅި ހުރެއެވެ. މީގެތެރޭން 2 ގޮޅި ވަޅޯމަސް ވިއްކުމަށް ހާއްޞަކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ހުޅުވައި ޚިދުމަތްދޭން ފެށުމުން އެސަރަހައްދުގެ އެކި ރަށްރަށުން ކުޅުދުއްފުއްޓަށް ތަކެތި ވިއްކަން އަންނަ ދަނޑުވެރިންނާއި، ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.