ޚަބަރު

ކުޅުދުއްފުށީ ކައުންސިލަށް އާމްދަނީ އިތުރުކުރުމަށް ބޮޑު މަޝްރޫޢެއް ފަށަނީ


ކުޅުދުއްފުށީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން 5 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުލްލަޠީފް ޙަސަން ވިދާޅުވީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ޢުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރަށް ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެކަންކަން ކުރުމަށްޓަކައި ކައުސިލަށް ލިބޭ އާމްދަނީ އިތުރުކޮށް މާލީ ފުދުންތެރިކަން ހޯދުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރުމަށް 5 ބުރީގެ ޢިމާރާތެއް އެޅުމަށް ހަމަޖެހިފައިވަނީ ރަށުގެ މުހިންމު ސަރަހައްދެއްގައި ކަމުން، އެތަނުން އެކަށީގެންވާ ފައިދާއެއް ކައުސިލަށް ލިބޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. އަދި މި ޢިމާރާތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފިހާރައަކާއި، ލައިބްރަރީއަކާއި، ހޯލަކާއި، އެޕާޓްމެންޓަކާއި، ވީއައިޕީ އެޕާޓްމެންޓްތަކަކާއި، ވީއައިޕީ ކޮޓަރިތަކެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

މި ޢިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ އަމީނީމަގު ހުކުރުމިސްކިތް ކައިރީގައިކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

"
"އަޅުގަނޑުމެން މި އިމާރާތް ކުރުމަށް ގަސްތުކޮށްފަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން. އަންނަ އަހަރު ލަފާކުރާ ބަޖެޓުން ބޮޑުބައެއް މިއިމާރާތް ކުރުމަށް ހޭދަކުރެވޭނެ"
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން

ލަތީފް ވިދާޅުވީ މިއީ އަންނަ އަހަރު ކައުންސިލުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރާނެ އެއް މަސައްކަތްކަމަށެވެ. މި އިމާރާތް ނިމެމުންދާ ވަރަކަށް ޢިމާރާތުގެ ބައިތައް ކުއްޔަށް ދޫކުރަމުންދާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މި އިމާރާތުން ލިބޭ އާމްދަނީގެ ސަބަބުން ކައުންސިލަށް ލިބޭ އާމްދަނީ އިތުރުވެ އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ކައުންސިލަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުޅުދުއްފުށީ ކައުންސިލުން މިހާރުވެސް 12 އަށް ވުރެ ގިނަ ބިމާއި، އިމާރާތް ކުއްޔަށްދީގެން ކައުންސިލަށް އާމްދަނީ ލިބޭނެ މަގުވަނީ ފަހިކޮށްފައެވެ.