ޚަބަރު

އައްޑޫސިޓީގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދިހަ މީހަކު ހައްޔަރު ކޮއްފި


އައްޑޫސިޓީ ހިތަދޫގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހިތަދޫ އެޅެދީދީ މަގު (ބޮޑުމަގު)ގައި އެރަށުގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 9:40 އެހައިކައްހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ. ދެ ގުރޫޕު ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ވަނީ މަގުމަތިން ދުއްވާފައި ދިޔަ ސައިކަލެއް ވެސް ހުއްޓުވައި ރޯކޮށްލާފައެވެ.

ރޭ ހިންގި މި މާރާމާރީގައި ދެމީހަކަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި އެ ދެމީހުންގެ ބޮލަށް ވަނީ އަނިޔާވެފައެވެ. މި މާރާމާރީއާ ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް އައްޑޫސިޓީގައި ގުރޫޕުތަކުގެ މެދުގައި ހިނގާ މަރާމާރިތަށް މިވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފަތާ ތެރޭގައި ވެސް އެފަދަ ހަމަނުޖެހުމެއްގައި ސައިކަލަކަށް ވަނީ ގެއްލުންދީފައެވެ.